ފިނިޕޭޖް

އެޗްއެންޑްއެމްއަށް ޖަސްޓިން ބީބާގެ ފާޑުކިއުން

ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ، އެޗްއެންޑްއެމް ބްރޭންޑް ދެކެ ހިތްހަމަނުޖެހި، ފާޑު ކިޔައިފި އެވެ.

އުމުރުން 28 އަހަރުގެ ޖަސްޓިން ބުނީ އޭނާގެ ފޮޓޯ ބޭނުންކޮށްގެން އެޗްއެންޑްއެމް ބްރޭންޑުން މާޗަންޑައިޒް ހަދާފައިވަނީ އޭނާގެ ހުއްދަ ނުހޯދާ ކަމަށާއި، އެއީ "ޓްރޭޝް" ކަމަށެވެ.

ޖަސްޓިންގެ ފޭނުންނަށް އެ ތަކެތި ނުގަތުމަށްވެސް އިންސްތަގްރާމް ޕޯސްޓެއްގައި ގޮވާލާފައިވެ އެވެ. ޖަސްޓިން ހިތްހަމަ ނުޖެހިގެން ދެ ޕޯސްޓް ކޮށްފައިވެ އެވެ.

ޖަސްޓިންގެ ފޮޓޯ ބޭނުންކޮށްފައިވާ މާޗަންޑައިޒްގެ ތެރޭގައި ސްވެޓާ ހެދުމަކާއި ކެންވަސް ބޭގްއެއް ހިމެނެ އެވެ.

އެޗްއެންޑްއެމް އިން ޕީޕަލް މެގަޒިންއަށް ދިން ބަޔާނުގައި ބުނީ އެ ކުންފުނިން ވަނީ އެހެން ލައިސަންސްޑް ޕްރޮޑަކްޓްސްތަކާއި ޕާޓްނަޝިޕްތަކާއެކު އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

ހޭންސް އެންޑް މޮރިޓްޒް ނުވަތަ އެޗްއެންއެމް އަކީ ދެވަނަ އަށް އެންމެ ބޮޑު އިންޓަނޭޝަނަލް ހެދުމާއި ފެޝަން އެކްސަސަރީޒް އުފައްދާ ސްވިޑަންގެ ކުންފުންޏެކެވެ. މި ބްރޭންޑްގެ ފިހާރަތައް 75 އަށް ވުރެ ގިނަ ގައުމުތަކުގައި ހުޅުވާފައިވެ އެވެ.

މިކަމާ ގުޅިގެން ޖަސްޓިންގެ ރެޕްރެޒެންޓެޓިވްގެ ކޮމެންޓެއް ނުލިބުނެ އެވެ.