ފިނިޕޭޖް

އެޑަމް އާއި ބެހާޓީއަށް ތިންވަނަ ދަރިފުޅު ލިބިއްޖެ

މެރޫން 5ގެ ލީޑް ސިންގާ އަދި ވޮއިސްގެ ޖަޖް އުމުރުން 43 އަހަރުގެ އެޑަމް ލެވީން އާއި އަނބިމީހާ އަދި ވިކްޓޯރިއާސް ސީކްރެޓްގެ މޮޑެލް އުމުރުން 34 އަހަރުގެ ބެހާޓީ ޕްރިންސްލޫއަށް ތިންވަނަ ދަރިއަކު ލިބިއްޖެ އެވެ.

މި ދެމަފިރިން ދަރިފުޅުގެ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި ބޭބީގެ އިތުރުން މި ދެމަފިރިންގެ ހަ އަހަރުގެ ޑަސްޓީ ރޯޒް އާއި ހަތަރު އަހަރުގެ ފުރޭ ޖިއޯ ގްރޭސް ހުރެ އެވެ.

މިދިޔަ ސެޕްޓެމްބަރ މަހު ބެހާޓީ ތިންވަނަ ކުއްޖާއަށް ބަނޑުބޮޑުކަން ހާމަކުރިތާ ދުވެސް ކޮޅެއް ފަހުން، ސަމާ ސްޓްރޯ ކިޔާ އިންސްތަގްރާމް މޮޑެލްއެއް އާންމު ކުރި ޓިކްޓޮކް ވީޑިއޯއެއްގައި ބުނެފައިވަނީ އެޑަމް ލެވީންއާ އެކު އޭނާ އަހަރެއްހާ ދުވަހު ލޯބީގެ ނާޖައިޒް ގުޅުމެއް ބޭއްވި ކަމަށެވެ. އަދި ޓިކްޓޮކް މެދުވެރިކޮށް މިކަން ހާމަކުރީ އޭނާގެ "ރައްޓެއްސެއް" އެޑަމް އާއި އޭނާއާ ދެމެދު ކޮށްފައިވާ ޓެކްސްޓް މެސެޖްތައް ނޫހަކަށް ވިއްކަން އުޅުނީމާ ކަމުގައި ބުންޏެވެ.

ސަމާ ބުނީ އެޑަމްގެ ލިބެންއުޅޭ ދަރިފުޅަށް ނަންކިޔުމާ މެދުވެސް އެޑަމް މެސެޖު ކޮށްފައިވާ ކަމަށާއި "ސަމާ" އެއީ ރީތި ނަމެއް ކަމަށް ބުނި ކަމަށެވެ.

އެޑަމް ރައްދުގައި ބުނެފައިވަނީ އޭނާގެ އަންހެނުން ފިޔަވައި އެހެން މީހަކާ ފްލާޓްކުރާ ފާޑަށް ވާހަކަދެއްކުމަކީ ހެނދުނު ގޯހެއް ކަމަށްވިޔަސް، ބޭވަފާތެރި ނުވާ ކަމަށެވެ. އެހެންނަމަވެސް ކުރަން ނުވާނެކަމެއް ހަޔާތުގެ ވަކި ހިސާބެއްގައި ކުރެވި، ބައެއް ފަހަރު ލިމިޓުން ކައްސާލައިގެން ދިޔަ ކަމަށާއި އެކަމާ ކުރިމަތިލައި، އާއިލާއާއެކު އެކަން ހައްލުކުރާނެ ކަމަށް ބުންޏެވެ.

އެޑަމްގެ ސޯޝަލް މީޑިއާގައިވެސް ފޭނުން ވަނީ މިކަމާ ނުރުހުން ފާޅުކޮށް، ބެހާޓީއާ މެދު ހަމްދަރްދީވާ ކަމަށް ބުނެފަ އެވެ.

އެޑަމް އާއި ބެހާޓީ ޕްރިންސްލޫ ލޯބީގެ ގޮތުން 2013 ގައި ގުޅި، ކައިވެނި ކޮށްފައިވަނީ 2014 ގައެވެ.