ފިނިޕޭޖް

"ގޯސްޓްބަސްޓާސް: އާފްޓާ ލައިފް"ގެ ސިކުއެލްއެއް ހަދަނީ

ސުޕާނެޗުރަލް ކޮމެޑީ ފްރެންޗައިޒެއް ކަމުގައިވާ "ގޯސްޓްބަސްޓާސް"ގެ ފަސްވަނަ ފިލްމް ހަދަނީ އެވެ.

1980 ގެ އަހަރުތަކުގައި "ގޯސްޓްބަސްޓާސް"ގެ ދެ ފިލްމު ވަރަށް ކާމިޔާބު ކަމާއެކު ހިނގާ، ބެލުންތެރިންގެ މަގްބޫލުކަން ހޯދި އެވެ.

މި ފްރެންޗައިޒްގެ ދެ ޓީވީ އެނިމޭޓަޑް ސީރީޒެއް ނެރެ، ވީޑިއޯ ގޭމްސް، ބޯޑް ގޭމްސް، ކޮމިކް ބުކްސް، ކްލޯތިން މާޗަންޑައިޒް ވެސް ވަނީ ނެރެފަ އެވެ.

މި ފްރެންޗައިޒްގެ ރީބޫޓް "ގޯސްޓްބަސްޓާސް: އާންސާ ދަ ކޯލް" 2016 ގައި ހެދި އެވެ. މި ފިލްމުގައި ކްރިސް ހެމްސްވޯތް، މެލިސާ މެކާތީ، ކްރިސްޓިން ވިގް އަދި ކޭޓް މެކްކިނަން ފަދަ ތަރިންނާއި ކޮމެޑިއަނުން ހިމެނުނު ނަމަވެސް، މި ފިލްމަށް ލިބުނީ މަސްހުނި ހިޔާލު ތަކެކެވެ. މިފިލްމުގެ ސްޓޯރީ ލައިން އެހެން ފިލްމްތަކާ ތަފާތެވެ.

މި ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމް "ގޯސްޓްބަސްޓާ އާފްޓާލައިފް"، ކޯވިޑް-19 އާ ގުޅިގެން ހަތަރު ފަހަރަށް ރިލީޒްކުުރުން ލަސްކުރުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު ނުވަވަނަ ދުވަހު މި ފިލްމު ވަނީ އަޅުވާފަ އެވެ. ގާތްގަނޑަކަށް 75 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް 204 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ހަތަރު ވަނަ ފިލްމް ޑައިރެކްޓްކޮށްފައިވަނީ މި ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރި އައިވަން ރައިޓްމަންގެ ދަރިފުޅު ޖޭސަން ރައިޓްމަން އެވެ. މި ފިލްމްގެ ސްޓޯރީލައިން ވަނީ ފުރަތަމަ ދެ ފިލްމާ ގުޅުވާފަ އެވެ.

މި ފްރެންޗައިޒްގެ ފަސްވަނަ ފިލްމުގެ ކޯޑް ނޭމް އަކީ "ފަޔާ ހައުސް" އެވެ. "ގޯސްޓްބަސްޓާސް"ގެ ފުރަތަމަ ދެ ފިލްމުގައި އެމީހުންގެ ހެޑް ކުއާޓާސް އަކީ ބޭނުންކުރުން ހުއްޓާލާފައިވާ ފަޔާ ހައުސް އެކެވެ. މި ފިލްމް ގިލް ކެނަން ޑައިރެކްޓްކުރާއިރު، ޖޭސަން ރައިޓްމަންއާ އެކު ޕްރޮޑިއުސް ވެސް ކުރާނެ އެވެ. އަދި "ގޯސްޓްބަސްޓާސް: އާފްޓާލައިފް"ގެ ކާސްޓް ކަމުގައިވާ މެކޭނާ ގްރޭސް، ފިން ވޮލްފްހާޑް، ކެރީ ކޫން، ޕޯލް ރަޑް ސިކުއެލް އިން ފެންނާނެ އެވެ. މި ފިލްމު ޝޫޓް ކޮށްފައިވަނީ ނިއު ޔޯކްގަ އެވެ.

މި ފިލްމު ރިލީޒް ކުރުމަށް ސޮނީ ޕިކްޗާސް އިން ނިންމާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ.