ކަލައިދޫ

ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ މަސައްކަތް ލަސްވާތީ ކަންބޮޑުވެއްޖެ

ލ. ކަލައިދޫ އާއި ދަނބިދޫ ގުޅާލުމަށް އެޅުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ އަމަލީ މަސައްކަތް ނުފެށި ލަސްވާތީ އެ ދެ ރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދެ ކައުންސިލް ގުޅިގެން މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ކަލައިދޫ، ދަނބިދޫ އަދި އިސްދޫ ދާއިރާގެ ތަރައްގީއާ ގުޅިފައިވާ ކޯޒްވޭ ހެދުމަށް 2020، 2021 އަދި 2022 ވަނަ އަހަރުގެ ބަޖެޓު ފައިސާ ހިމަނާފައިވީ ނަމަވެސް، އެ މަސައްކަތް ފަށާފައި ނުވާ ކަމަށެވެ.

"މިކަން ލަސްވުމުގެ ސަބަބުން މި ދެރަށުގެ އަދި ދާއިރާގެ އުމްރާނީ ތަރައްގީއާ ގުޅިފައިވާ ބައެއް މަސައްކަތްތައް ނުފެށި ލަސްވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ގަރާރުގައި ބުނެފައިވެ އެވެ.

ކަލައިދޫ އާއި ދަނބިދޫ ގުޅާލުމަށް ކޯޒްވޭ ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއަށް 18 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.

ދެ ކައުންސިލްގެ ހުރިހާ މެމްބަރުން ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވަނީ ވީއެންމެ އަވަހަށް ކޯޒްވޭގެ މަސައްކަތް ފެށޭނެ ގޮތް ހަދައިދީ މަސައްކަތް ފެށޭނެ ދުވަހެއް ކައުންސިލަށް އަންގައިދިނުމަށްވެސް އެދިފަ އެވެ.