ހަބަރު

ކައުންސިލްގެ ވައިބަ ގްރޫޕުގައި އަބުރާ ބެހިގެން ހުކުމެއް

ލ. ކަލައިދޫ ކައުންސިލް އިދާރާއިން ހަދާފައިވާ ކޮމިއުނިޓީ ވައިބަ ގްރޫޕެއްގައި އެ ރަށު މީހެއްގެ އަބުރާ ބެހުނުކަން ސާބިތުވެ، ކައުންސިލްގެ މައްޗަށް އެ ރަށު ކޯޓުން ހުކުމެއް ކޮށްފި އެވެ.

މިއީ، ލ. އަތޮޅު ކަލައިދޫ ކައުންސިލާ ދެކޮޅަށް، އެ ރަށު ކޯޒީ ހައުސް، އަލީ ޔޫސުފް ކުރި އަބުރުގެ ދައުވާއެއްގެ މައްސަލަ އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނަށް އިޖާބަދީ، އަލީ ޔޫސުފް އެ މަގާމަށް ކުރިމަތިލައި އަދި އިންޓަވިޔުއިން އެއްވަނަ ހޯދި އެވެ. އަލީ ޔޫސުފް އެ މަގާމަށް ހޮވިފައިވަނިކޮށް އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް، ދޮގު ތުހުމަތުތަކެއް ކޮށް ކައުންސިލްގެ ކޮމިއުނިޓީ ވައިބަ ގްރޫޕުގައި ވާހަކަތަކެއް ހިއްސާކުރީ ކައުންސިލުން ކަމަށް އެނގެން އޮވެ އެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަލީ ޔޫސުފަށް އިންޓަވިޔުއިންނާއި ޕްރެޒެންޓޭޝަނުން އެންމެ މަތިން މާކްސް ލިބި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައި، އެކަމުގައި ކައުންސިލްގެ ލަފައަކަށް އެދިފައިވެ އެވެ. ނަމަވެސް ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ ވޯޓުން އަލީ ޔޫސުފް އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ނިންމައި، އެކަން ކޮމިއުނިޓީ ވައިބަ ގުރޫޕްގައި ހިއްސާކުރި އެވެ.

އެކަމުގެ ސަބަބުން، އެ ގްރޫޕުގައި ތިބި 268 މީހުންގެ ކުރިމަތީގައި އަލީ ޔޫސުފްގެ އަބުރު ކަތިލެވި، ގަދަރާއި އިއްޒަތް ނަގާލެވުނު ކަމަށް ދެކި އަލީ ޔޫސުފް މި މައްސަލަ އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް އެދި އެވެ.

އެގޮތުން ދައުވާގައި އެދިފައިވަނީ އަލީ ޔޫސުފްގެ އަބުރާ ކައުންސިލުން ބެހިފައިވާކަން ކަނޑައަޅައި ދިނުމަށާއި އަދި އޭނާގެ ކިބައިން ލިޔުމުން ކައުންސިލް މައާފަށް އެދުމަށް އަދި މައާފަށް އެދި ލިޔާ ލިޔުން ކައުންސިލްގެ ކޮމިއުނިޓީ ވައިބަ ގުރޫޕްގައި ހިއްސާކޮށް އަދި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.

މި މައްސަލައިގައި އިސްމެޖިސްޓްރޭޓް ކުރި ހުކުމުގައިވަނީ އަލީ ޔޫސުފްގެ އަބުރަށް ކައުންސިލުން އަރައިގެންފައިވާ ކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި އަލީ ޔޫސުފްގެ ކިބައިން މައާފަށް އެދި ކައުންސިލުން ސިޓީއެއް ފޮނުވުމަށާއި، މާއްދީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އަލީ ޔޫސުފަށް ދިނުމަށްވެސް ހުކުމްކޮށްފައިވެ އެވެ.

ކަލައިދޫ މެޖިސްޓްރޭޓް ކޯޓުން ކުރި މި ހުކުމް، ކައުންސިލްގެ ފަރާތުން މިހާރު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.