މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ލ. އަތޮޅުގެ ފަސް ރަށް ކޯޒްވޭއަކުން ގުޅާލުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Jan 22, 2023

ލ. އަތޮޅުގެ ފަސް ރަށެއް ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މިމަޝްރޫއަށް ދައުލަތުގެ ބަޖެޓުން 237 މިލިއަން ރުފިޔާ ހަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސަރުކާރުގެ ފަރާތުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގާއި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ލ. ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭ އަކުން ގުޅާލުމަށް ހަވާލުކުރީ 155.6 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ 550 ދުވަހެވެ.

ލ. ހިތަދޫ އާއި ލ. ކުނަހަންދޫ އަދި ލ. މެންދޫ ކޯޒްވޭ އަކުން ގުޅާލުމަށް ހަވާލުކުރީ 81 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ 500 ދުވަހެވެ.


ލ. އަތޮޅުގެ ފަސް ރަށެއް ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައި މިވަނީ މިމަޝްރޫއުތައް ފެށުން ލަސްވެ މިރަށްތަކުގެ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް މީގެކުރިން ބަޔާން ނެރެފައި ވަނިކޮށެވެ.

ލ. އަތޮޅުގައި ފަސް ރަށުގައި ކޯޒްވޭ އަޅަން ފާއިތުވި ތިން އަހަރުގެ ބަޖެޓުގައި ވެސް ފައިސާ ހިމެނި އެވެ. އަދި ބައެއް ރަށްތަކުގައި އީއައިއޭ މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް އަމަލީ މަސައްކަތް ފަށާފައެއް ނުވެ އެވެ.