ރައީސް މުހައްމަދު ނަޝީދު

ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދު ފޯމު ހުށަހަޅުއްވައިފި

Dec 23, 2022

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފި އެެވެ.

ރައީސް ނަޝީދު ފޯމު ހުށަހެޅުއްވި ކަން ހާމަކުރެއްވީ އެމަނިކުފާނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ. ނަޝީދުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ނަޝީދު ހާމަކުރެއްވީވެސް އެ ދުވަހު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ނިންމާފައިވަނީ ކުރިއަށް ޖެނުއަރީ 28 ގައެވެ. ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ 500 މެންބަރުންގެ ތާއީދާއެކު ފޯމު ހުށަހަޅަންޖެހެނީ މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވާދަކުރައްވާނެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ. ރައީސް ސޯލިހްގެ ކެމްޕޭން މެނޭޖަރަކީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.