ދުނިޔެ

ޣައްޒާ ހަނގުރާމަ ހުއްޓުވިދާނެ ކަމާ މެދު އެމެރިކާއަށް ޝައްކުވެއްޖެ

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ދައުރު ހަމަވުމުގެ ކުރިން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭނެ ކަމާ މެދު އެމެރިކާގެ އޮފިޝަލުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ނަން ހާމަނުކުރާ ގޮތަށް ބުނީ ސުލްހައަށް މަގުފަހިވާ ގޮތަށް ހެދިފައި އޮތް އެއްވެސް ޑީލެއް ނެތް ކަމަށެވެ. އަދި އެ ކަހަލަ ޑީލެއް ހެދިދާނެ ކަމާ މެދު ޝައްކު ކަމަށް ވެސް އޭނާ ބުންޏެވެ.

ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން، ދައުރު ހަމަވުމުގެ ކުރިން ސުލްހައިގެ ޑީލެއް ހެދޭތޯ ބައިޑަން ސަރުކާރުން ވަރަށް މަސައްކަތްކުރާނެ އެވެ. މިފަދަ ޑީލެއް ހެދިއްޖެ ނަމަ އެއީ ޑިމޮކްރެޓިކް ޕާޓީއަށް އެމެރިކާއިން ލިބޭ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިޒުރޭލާއި ހަމާސްއާ ދެމެދު މަސްލަހަތު ދެމެހެއްޓިއްޖެ ނަމަ ޣައްޒާ ހަނގުރާމައަށް ހައްލެއް ލިބުނީ ކަމަށް ބައިޑަން ސަރުކާރުން ދެކޭނެ ކަމަށްވެސް ވޯލް ސްޓްރީޓް ޖާނަލުން ބުންޏެވެ. އަދި އެއީ އިޒުރޭލާ ލުންނާންއާ ދެމެދު މަސްރަހު ތަނަވަސްކުރުމަށް ބާރަކަށް ވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިޒުރޭލާއި ހަމާސްއާ ދެމެދު އެއްބަސްވުއް ގާއިމުނުކުރެވުމެވެ. މި އެއްބަސްވުން ގާއިމުކުރުމަށްޓަކައި ދެ ގައުމުން ހުށަހަޅާ ޝަރުތުތަކަށް އެއްބަޔަކު އަނެއް ބަޔަކާ އެއްބަސް ނުވެވެނީ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީން އަސީރުން މިނިވަންކުރުމަށްޓަކައި، އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީން މީހުން ދޫކުރަން ހަމާސްއިން ހުށަހަޅާ އަދަދު އިޒުރޭލު ސަރުކާރަށް ކަމުނުދިޔުމަކީ ވެސް އެއްބަސްވުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.

އަނެއްކޮޅުން މިފަހު ލުބްނާނަށް ދިން -- ޕޭޖަރުތަކައި ވޯކީޓޯކީތައް ގޮއްވާލުމަކީ ވެސް، ސުލްހައިގެ އެއްބަސްވުމަށް ކުރިމަތިވި ވަރަށް ބޮޑު ހުރަހަކަށް ވަނީ ވެފަ އެވެ.

ލުބްނާނަށް ދިން މިއިން އެއްވެސް ހަމަލާއެއްގެ ޚަބަރު އެނގިފައި ނުވާ ކަމަށް އެމެރިކާ ބުނެފައިވާއިރު، އިޒުރޭލުން ވިމަރުގެ ބޮޑު ގެއްލުމެއް ލުބްނާނަށް ދިނުމަކީ ހަނގުރާމަކުރުމަށް ހުޅުވާލި ދޮރެއް ކަމަށް -- ހަމާސްއަށް ވާގިވެރިވުމުގައި އޮތް ހިޒްބުﷲ ޖަމާއަތުން ބުނެ އެވެ.

އިޒުރޭލުގެ މި ހަމަލާގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމަށް ބެލެވިފައި ވާއިރު، އެމެރިކާގެ ވެރިކަން ބަދަލުވުމުގެ ކުރިން މެދުއިރުމައްޗަށް ސުލްހައިގެ އަމާންކަމެއް ގެނައުމަކީ ބައިޑަން ސަރުކާރަށް ވެދާނެ ކަމަކަށް ވުރެ ނުވާނެ ކަމެއް ކަމަށް އޮފިޝަލުން ގަބޫލުކުރެ އެވެ.