ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުޑަތަންވެފައި ވަނިކޮށް އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ރައްޔިތުން ވޯޓުލާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ އިންތިހާބާ ގުޅިގެން ލަންކާގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާތީ ދިވެހިން ސަމާލުވުމަށް އެދޭ ކަމަށެވެ.
ވޯޓުލުމަށް ހަދާފައިވާ މަރުކަޒުތަކުގެ ކައިރިއަށް ނުދިއުމަށާއި ދަންވަރުގެ ވަގުތުތަކުގައި ބޭރުގައި ނޫޅުމަށާއި އަދި ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ދުރާލާ ހޯދާފައި ބެހެއްޓުމަށްވެސް އެދިފައިވެ އެވެ.
މީގެއިތުރުން ލަންކާގެ ސަލާމަތީ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ސަމާލުވުމަށާއި ބޭރުގައި އުޅޭއިރު ކާކުކަން އަންގައިދޭ ލިޔުން ގެންގުޅުމަށްވެސް އެމްބަސީ އިން އެދިފައިވެ އެވެ.
ލަންކާގެ ރިޔާސީ އިންތިހާބުގެ ފޯރިގަދަވެފައިވާއިރު ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ނަތީޖާ އަންނަ ގޮތަކުން ލަންކާގެ މަސްރަހު ގޯސްވުމަކީ ވެދާނެ ކަމެކެވެ.