ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި ސަފީރު މަސްއޫދު އިމާދު، ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހައަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ އިއްޔެ ލަންކާގެ ރައީސްގެ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު މަސްއޫދު ވަނީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ލަންކާއަކީ އެ މީހުންގެ ދެވަނަ ވަޒަން ކަމަށް ވިދާޅުވި އެވެ.
މަސްއޫދު ވަނީ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ލަންކާގެ ރައީސް ރަނިލް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.