ރާއްޖެއާއި ލަންކާގެ ރައްޔިތުކަން އޮންނަ މީހަކު ސްރީލަންކާގައި ހައްޔަރުކުރީ މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް އެނގިއްޖެ އެވެ.
މިމައްސަލާގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ބިލާލް މުހައްމަދު ނަމަކަށް ކިޔާ މީހެެކެވެ.
އޭނާ އަކީ ލަންކާގައި ދިރިއުޅޭ ރާއްޖެ އާއި ލަންކާގައިވެސް ރައްޔިތުކަން އޮންނަ މީހެއް ކަމަށް ލަންކާ އާއި ރާއްޖޭގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އޭނާ އުޅެމުންދަނީ ލަންކާގައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މުސްލިމުން ގިނައިން ދިރިއުޅެމުންދާ އަރުގަމް ބޭ ސަރަހައްދަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށްވެސް ފުރަތަމަ އަޑުތައް ފެތުރިގެން ދިޔަ އެވެ.
މިމައްސަލައާ ގުޅިގެން ލަންކާގެ ފުލުހުން ބުނީ މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެކަމަކު މައްސަލައާ ގުޅޭ ތަފްސީލު ދެވެން ނެތް ކަމަށެވެ.
ބިލާލް އަކީ މީގެ ކުރިންވެސް ލަންކާގައި ދިވެއްސަކު މަރާލުމުގެ ތުހުމަތުގައި ލަންކާގެ ފުލުހުން ހައްޔަރު ކޮށްފައިވާ މީހެކެވެ.