ފިނިޕޭޖް

މިޔަރުތަކުގެ އާބާދީ މަދުވުމުން ހިތާމަކުރަން: ސްޓީވަން

"ޖޯޒް" ފިލްމާއި ވާހަކައިގެ ސަބަބުން މިޔަރުގެ އާބާދީ މަދުވެގެން ދިއުމަކީ ސްޓީވަން ސްޕީލްބާގް ވަރަށް ހިތާމަކުރާ ކަމެއް ކަމުގައި ބުނެފި އެވެ.

ބީބީސީ ރޭޑިއޯ 4ގެ ޑެޒާޓް އައިލެންޑް ޑިސްކްސްގައި ވާހަކަ ދައްކަމުން ސްޓީވަން ބުނީ 1975 ވަނަ އަހަރު ނެރުނު ބްލޮކްބަސްޓާ ފިލްމް "ޖޯޒް" އަކީ އެމެރިކާގައި މޫދަށް އެރި އުޅުނު މީހުންނަށް ހަމަލާދީފައި ކައިހެދި ގްރޭޓް ވައިޓް ޝާކްއަކާ ބެހޭ ފިލްމެއް ކަމަށެވެ. މިފިލްމުގެ ސަބަބުން ބައެއް މަސްވެރިންނަށް އާދަޔާ ހިލާފު ހިތްވަރެއް ލިބި މިޔަރުތައް ބާނާ މަރަމުން ދިޔަ ކަމަށާއި އޭގެ ސަބަބުން މިޔަރުގެ އާބާދީއަށް ގެއްލުން ލިބުނީތީ އެކަމާ ހިތުގެ އަޑިން ހިތާމަކުރާ ކަމަށެވެ.

"ޖޯޒް" ބިނާކޮށްފައިވަނީ ޕީޓާ ބެންޗްލީ 1974 ވަނަ އަހަރު ލިޔުނު ވާހަކަ އަށެވެ. ޕީޓާ ވެސް ވަނީ މިފަދަ އިހްސާސްތަކެއް ހިއްސާކޮށްފަ އެވެ. އަދި މިހާރު އެނގޭ ވަރަށް އެނގޭ ނަމަ، އެ ވާހަކަ އެ ގޮތަށް ނުލިޔާނެ ކަމަށްވެސް ބުންޏެވެ.

"ޖޯޒް" ފިލްމް ކުޅެފައިވަނީ ރޯއީ ޝައިޑާ، ރޮބާޓް ޝޯ އަދި ރިޗާޑް ޑްރައިފަސް އެވެ. މި ތިން މީހުން އެ ނުރައްކާތެރި ގްރޭޓް ވައިޓް ޝާކް ހިފުމަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެ އެވެ.

މި ފިލްމް ބޮކްސް އޮފީހުގައި ވަރަށް ހިނގާ، ތިން އޮސްކާ އެވޯޑާއި އެހެނިހެން އެވޯޑް ހާސިލްކޮށްފައިވެ އެވެ. އަދި ސްޓީވަން ސްޕީލްބާގްގެ ނަން އޭ-ލިސްޓް ޑައިރެކްޓަރުންގެ ތެރެއަށް ހިމަނާލި އެވެ.

މޮންގާބޭ އިން 2021 ގައި ހެދި ދިރާސާއެއްގައި 1958 އާއި 2019އާ ދެމެދު ނެރެފައިވާ 109 ފިލްމެއް މިޔަރަށް ހާއްސަކޮށްގެން ހަދާފައިވާއިރު، 2016 ގައި ނެރުނު ޑިޒްނީގެ "ފައިންޑިން ޑޯރީ" ފިޔަވައި ހުރިހާ ފިލްމެއްގައިވެސް މިޔަރު ދައްކާފައިވަނީ އިންސާނުންނަށް ހުރި ނުރައްކަލެއްގެ ގޮތަށެވެ. މިކަމުގެ ސަބަބުން މިޔަރު ދެކެ ބިރު ގަނެ، މިޔަރު ހިމާޔަތްކުރުމުގެ ބަދަލުގައި އެއަށް ގެއްލުން ދިނުމުގެ ފުރުސަތު އިތުރުވެގެންދެ އެވެ.