ފިނިޕޭޖް

28 އަހަރަށްފަހު "ޓްވިސްޓާ"ގެ ސިކުއެލް ނެރެނީ

ޔުނިވާސަލްއިން 1996 ވަނަ އަހަރު ނެރުނު ޑިޒާސްޓާ ފިލްމު "ޓްވިސްޓާ"ގެ ސިކުއެލް "ޓްވިސްޓާސް" ނެރެނީ އެވެ.

ލީ އައިސާކް ޗުން ޑައިރެކްޓް ކުރާ ސިކުއެލްގައި ފެންނާނީ ހެލަން ހަންޓްގެ ކެރެކްޓާ ޑރ. ޖޯ ހާޑިން އާއި ބިލް ޕެކްސްޓަންގެ ކެރެކްޓާ ބިލް ހާޑިންގެ އަންހެން ދަރިފުޅު، އޭނާގެ މައިންބަފައިން ފަދައިން ސްޓޯމް ޗޭސާއަކަށް އުޅޭތަނެވެ.

މި ފިލްމްގެ ކާސްޓްގެ މައުލޫމާތު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ޔޭން ޑި ބޯން ޑައިރެކްޓްކުރި "ޓްވިސްޓާ"ގެ ފުރަތަމަ ފިލްމުގައި ހެލަން ހަންޓްއާއި މިހާރު މަރުވެފައިވާ ބިލް ޕެކްސްޓަން އަދާކުރީ ތޫފާނުތައް ފަހަތުން ދުވާ ދެ ސައިންޓިސްޓްގެ ރޯލެވެ.

މީގެ އިތުރުން ޖޭމީ ގާޓްޒް، ކެރީ އެލްވިސް އަދި ފިލިޕް ސީމޯ ހޮފްމަން ވެސް މި ފިލްމުގައި ހިމެނުނެވެ. މިއީ އެމެރިކާގައި ޑީވީޑީ އަށް ރިލީޒްކުރި ފުރަތަމަ ފިލްމެވެ. އަދި މި ފިލްމަކީ 1996 ވަނަ އަހަރު ދެވަނައަށް ބޮކްސް އޮފީހުގައި އެންމެ ހިނގި ފިލްމެވެ.

އުމުރުން 59 އަހަރުގެ ހެލަން ހަންޓް، ޑަވީޑް ޑިގްސްއާ އެކު "ޓްވިސްޓާ"ގެ ސިކުއެލް އެއް ލިޔުނު ކަމަށާއި އެ ފިލްމް ހެލަން ޑައިރެކްޓްކުރުމަށް އެދި މަސައްކަތްކުރި ނަމަވެސް ސްޓޫޑިއޯއިން ބޭނުން ނުވި ކަމަށް ހެލަން 2021 ގައި ބުނެފައިވެ އެވެ. ބިލް ޕެކްސްޓަން ވަނީ 2017 ވަނަ އަހަރު އުމުރުން 61 އަހަރުގައި މަރުވެފަ އެވެ.

ޔުނިވާސަލް ސްޓޫޑިއޯޒްއިން "ޓްވިސްޓާސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 19، 2024 ގައެވެ.