ދިރާގުޓީވީގެ ހިދުމަތާ ގުޅޭ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު ކޮށްފައިވާ އިއުލާނާއި ހަވާލާދީ ދިރާގުން މިއަދު އިއުލާންކުރި ގޮތުގައި ޖެނުއަރީ 29، 2023ގައި ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ ލައިސަންސް އާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް ވަނީ ހުށަހަޅާފަ އެވެ. އަދި ޖަނަވަރީ 2022ގައި އެމްބީސީ އިން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2022/R-01) އަށް ގެނައި އިސްލާހަށް ހަވާލާދީ ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަ ނުވާ ކުންފުންޏެއް ކަމަށް އެމްބީސީ އިން ވަނީ ނިންމާފައި ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
އެމްބީސީއިން ތައާރަފުކުރި މި އިސްލާހުގައި ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. ގަވާއިދަށް ގެނައި މި ކުއްލި ބަދަލާ ގުޅިގެން އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއްނެތި ދިރާގު ޓީވީ އަދި ދިރާގުޕްލޭގެ ހިދުމަތް ކުރިއަށް ނުގެންދެވޭނެތީ އެކަން ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއިއެކު މި އަހަރު ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ދިރާގުން ވަނީ ކޮށްފަ އެވެ. އަދި ލައިސަންސް އައުވާނެކަމުގެ ޔަގީންކަމެއް ނެތުމުގެ ސަބަބުން ޕްލޭންތަކާއި އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގެއްލުންތަކެއް ވެފައިވާ ކަމަށް އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވެ އެވެ.
ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައި މިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް ކުންފުންޏާއި ހިއްސާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ހިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުން ވަނީ ނިންމާފަ އެވެ. މިގޮތުން ގަވާއިދުގައިވާ ގޮތުގެމަތިން ހިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ ޖެނުއަރީ 29، 2023 އަކީ ދިރާގު ޓީވީ އަދި ދިރާގުޕްލޭ ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި ވަނީ އިއުލާންކޮށްފަ އެވެ. ދިރާގުން މިނިންމުން ނިންމަންޖެހުނީތީވެ ނުހަނު ހިތާމަކުރާކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި މައާފަށް ވަނީ އެދިފަ އެވެ.
ކަންމިހެން އޮތްނަމަވެސް މިދަނޑިވަޅުގައި ދިރާގުން އެންމެ އިސްކަމެއް ދީފައިވާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދިރާގު ޓީވީ ކަސްޓަމަރުންނަށް ތަފާތެއްނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީ ހިދުމަތްތައް އިހުތިޔާރުކުރުމުގެ ފުރުސަތުން މަހްރޫމްވިޔަނުދީ އެކަމަށް ހައްލެއް ހޯދައި ދިނުމަށެވެ. މިގޮތުން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އެކުންފުންޏަށް ހުށަހެޅި އެކި ފަރާތްތަކާއި އެކު ވަނީ މަޝްވަރާކޮށްފަ އެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވާކް ޕްރައިވެޓް ލިމިޓެޑާ އެކު ކުރެވުނު މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާ އެކު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އައު ރީބްރޯޑްކާސްޓަރުގެ ހިދުމަތަށް ބަދަލުވާން ބޭނުންވާނަމަ އެކަން ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާ ބެހޭ އިތުރު ތަފްސީލު ދިރާގު ޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ހިއްސާ ކުރެވިގެންދާނެ އެވެ.
ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ދިރާގު ޓީވީގެ ހިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއިއެކު، ރާއްޖޭގެ 95 ރަށް ހިމެނޭ ގޮތަށް، ރާއްޖޭގެ 85 އިންސައްތަ ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ލިބުމަށް ވަނީ މަގުފަހިކޮށްދީފަ އެވެ. ދިރާގު ޓިވީއަށް ލިބުނު ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދިޔަ ތަރުހީބާއި، އިތުބާރާއި އެއްބާރުލުންކަން ފާހަގަކޮށް ކުންފުނީގެ ފަރާތުން އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރި އެވެ.