ފިނިޕޭޖް

"ޑެއާޑެވިލް: ބޯން އެގެއިން" ހަދަނީ

ނެޓްފްލިކްސް އާ ގުޅިގެން މާވެލް ޓެލެވިޒަން އިން 2015 ވަނަ އަހަރު، މާވެލް ސިނަމެޓިކް ޔުނިވާސްގެ ކެރެކްޓާއެއް ކަމުގައިވާ ލޯ އަނދިރި ލޯޔާ މެޓް މާޑޮކް އަދި ކްރައިމް ފައިޓާ "ޑެއާޑެވިލް" އަށް ސީރީޒްއެއް ހަދައި، ބެލުންތެރިންނަށް ގެނެސްދިނެވެ.

މި ސީރީޒްގައި އަދި ނެޓްފްލިކްސް އިން ނެރުނު "ދަ ޑިފެންޑާސް" ގައިވެސް ޑެއާޑެވިލްގެ ރޯލް އަދާކޮށްފައިވަނީ ޗާލީ ކޮކްސް އެވެ. ތިން ސީޒަންއަށް ފަހު، މި ސީރީޒް ވަނީ 2018 ގައި ކެންސަލްކޮށްފަ އެވެ.

ނެޓްފްލިކްސް އިން މި ސީރީޒް ކެންސަލް ކުރުމާ ގުޅިގެން މި ކެރެކްޓާގެ ލައިސަންސް މާވެލްއިން ނެޓްފްލިކްސް އަތުން ހޯދުމަށްފަހު، ޑިޒްނީ ޕްލަސްގައި ދައްކާގޮތަށް "ޑެއާޑެވިލް: ބޯން އެގެއިން" ޕްރޮޑިއުސްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

މި ސީރީޒްގައި ހިމެނެނީ ޖުމްލަ 18 އެޕިސޯޑެވެ.

"ޑެއާޑެވިލް: ބޯން އެގެއިން" ގައިވެސް ޑެއާޑެވިލްގެ ރޯލް ކުޅޭނީ ޗާލީ ކޮކްސްއެވެ.

މިއަހަރު ނެރުނު މާވެލްގެ ބްލޮކްބަސްޓާ "ސްޕައިޑަމޭން: ނޯވޭ ހޯމް" ފިލްމްގައި ޕީޓާ ޕާކަ އަށާއި އާންޓް މޭއަށް މެޓް މާޑޮކް ގާނޫނީ ލަފާ ދޭ ސީން އެއް ހިމަނާފައިވެ އެވެ.

ޗާލީ ބުނާ ގޮތުގައި "ޑެއާޑެވިލް: ބޯން އެގެއިން" ސީރީޒް ޑާކް ވީނަމަވެސް، "ޑެއާޑެވިލް" އަށް ވުރެއް އަނިޔާވެރިކަމާއި ލޭ އޮހޮރުވާވަރު މަދުވާނެ ކަމަށާއި އެ ސީރީޒް ހަދަނީ ކުރިއަށްވުރެ ފުޅާ އޯޑިއަންސަކަށް ކަމަށެވެ.

މި ސީރީޒް ސްޓްރީމްކުރަން ފަށާނީ 2024 ވަނަ އަހަރުގެ ކުރީކޮޅެވެ.