ރާއްޖެ ކުޅިވަރު

ތިރީސް ވަނަ ސީޒަންގައި ސުޒޭނަށް ރަނގަޅު ފެށުމެއް

ޕީޕަލްސް ކަޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ސިންގަޕޫރުގެ ލަޔަންސް ޓުވެލް އަތުން 2-1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވިއިރު، މިއީ މާޒިޔާގެ ކޯޗު އަލީ ސުޒޭނަށް ހާއްސަ މެޗެކެވެ. މި އަހަރަކީ ސުޒޭން ފުޓްބޯޅައިގައި ހޭދަކުރާ 30 ވަނަ ސީޒަނެވެ.

ލަޔަންސް އަތުން މާޒިޔާ މޮޅުވީ މެޗުގެ ފަހު މިނިޓުގައި މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ޖެހި ލަނޑުންނެވެ. މި މެޗުގައި މާޒިޔާގެ ސްޕެއިން ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދީފައިވަނިކޮށް، ލަޔަންސް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ މަދޫ މޮހާނާ ޖެހި ލަނޑުންނެވެ.

"ފުޓްބޯޅައިގައި ވަރަށް މުހިންމު ދުވަހެއް މިއީ. މިއީ އަޅުގަނޑު 1986ގައި ނިކުތް ދަނޑަށް، ނިކުންނަ 30 ވަނަ ސީޒަންގައި. އެހެންކަމުން ކާމިޔާބަކަށް އަޅުގަނޑު ވަރަށް ބޮޑަށް އެދިގެންހުރީ. ކުޅުންތެރިންގެ ވަރަށް ބުރަ މަސައްކަތަކުން މި މެޗުން މާޒިޔާ މި މޮޅުވީ. ކުޅުންތެރިންނަށް ޝުުކުރު އަދާކުރަން،" ސުޒޭން ބުންޏެވެ. "މި ތާރީީހީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވުމަކީ މާޒިޔާ އަށް ވަރަށް ބޮޑު ކާމިޔާބެއް. މާޒިޔާގެ މެނޭޖްމަންޓަށް މަރުހަބާކިޔަން."

ސުޒޭން ބުނީ މުބާރާތުގެ ފުރަަތަމަ މެޗުން މޮޅުވުމަކީ މާޒިޔާ އަށް ކުރިއަށް އޮތް ދެ މެޗަށް ކުރިމަތިލާއިރު ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"މިހާ ކައިރީގައި ކުޅޭއިރު މެޗަކުން މޮޅުވުމަކީ ވަރަށް ބޮޑު ލީޑެއް. ދެ ދުވަހުން އެއް ދުވަހު މެޗެއް ކުޅެންޖެހޭއިރު ވަރުބަލިކަން ކުރިމަތިވާނެ. އެހެންކަމުން މި މެޗުން މޮޅުވުމަަކީ ވަރަށް ބޮޑު ރިލީފްއެއް،" ސުޒޭން ބުންޏެވެ.

 މާޒިޔާ މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ މެލޭޝިއާގެ ޕީޑީއާރްއެމްއާ ދެކޮޅަށެވެ.