ފިނިޕޭޖް

ޝަލްބީ ޑީންގެ މަރުގެ ސަބަބު ހާމަކޮށްފި

ޝަލްބީ ޑީން އުމުރުން 32 އަހަރުގައި މަރުވީ މިއަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު އެވެ.

ޝަލްބީ މަރުވީ ކުއްލިއަކަށް ބަލިވެ، ފުއްޕާމޭގައި އުފެދުނު ވައިރަލް އިންފެކްޝަނަކާ ގުޅިގެން ކަމަށް ހޮސްޕިޓަލުން އޭނާގެ އާއިލާ އަށް އަންގާފައިވެ އެވެ. އަދި އާއިލާގެ އެދުމަށް ޝަލްބީގެ އޮޓޮޕްސީ ހެދި އެވެ.

ނިއު ޔޯކް ސިޓީގެ އޮފީސް އޮފް ދަ ޗީފް މެޑިކަލް އެގްޒެމިނާގެ ތަރުޖަމާނަކު ދަ ހޮލީވުޑް ރިޕޯޓާއަށް ދިން ބަޔާނުގައި ބުނީ ޝަލްބީ މަރުވީ ބެކްޓީރިއަލް ސެޕްސިސް އިން ކަމަށާއި އެ ސެޕްސިސް ބޮޑަށް ނުރައްކާތެރިވީ "ކޮމްޕްލިކޭޓިން އެސްޕްލީނިއާ" ނުވަތަ ސްޕްލީން ނެތުމުން ވިހަ ވެގެން ކަމަށެވެ.

ޝަލްބީގެ ބޭބެ ބުނި ގޮތުގައި 2009 ވަނަ އަހަރު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެެއްގައި ޝަލްބީ އަށް ލިބުނު އަނިޔާގެ ސަބަބުން ސްޕްލީން ނެގީ ކަމަށެވެ.

ޝަލްބީއަށް ބެކްޓީރިއަލް ސެޕްސިސް ޖެހުނީ ކެޕްނޮސައިޓޮފާގާ ކިޔާ ބެކްޓީރިއާއަކުން އިންފެކްޓްވެގެންނެވެ. މި ބެކްޓީރިއާ އާންމުކޮށް އިންސާނުންގެ، ކުއްތާގެ އަދި ބުޅަލުގެ އަނގައިން ފެނެ އެވެ. މި ބެކްޓީރިއާ ބައެއް ހާލަތުގައި ނުރައްކާތެރިވެ އެވެ. ޝަލްބީ މި ބެކްޓީރިއާ އިން އިންފެކްޓްވެފައިވަނީ ކިހިނެތް ކަމެއް އެނގިފައެއް ނުވެ އެވެ.

ޝަލްބީގެ މަރަކީ ކުއްލި ގުދުރަތީ މަރެއް ކަމަށް ވަނީ ނިންމާފަ އެވެ.

އުމުރުން ހަ އަހަރުގައި މޮޑެލްކުރަން ފެށި ޝަލްބީ ވަނީ ފިލްމީ ކެރިއަރަކަށް ބަދަލުވެ "ބްލެކް ލައިޓްނިން"، "ބްލަޑް އިން ވޯޓާ"، "ޑޯންޓް ސްލީޕް" ފަދަ ޕްރޮޖެކްޓްތަކުގައި އެކްޓްކޮށްފަ އެވެ.

ޝަލްބީ އެންމެ ފަހުން ކުޅުނު ފިލްމް "ޓްރައޭންގަލް އޮފް ސޭޑްނަސް" ވަނީ ކާން ފިލްމު ފެސްޓިވަލްގެ އެންމެ މަތީ އެވޯޑް ކަމުގައިވާ ޕާމް ޑޯ އެވޯޑާއި ގިނަ އެވޯޑްތަކެއް ކާމިޔާބުކޮށްފަ އެވެ. މި ފިލްމް އާންމުކޮށް ރިލީޒްކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.