މޯލްޑިވްސް ޕޮލިސް ސާވިސް

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަންގެ ވެރިން އިސްވެ ތިއްބަވައިގެން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރު ކުރި އެންމެންވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި 16 މީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ.

"ރޭ މުޒާހަރާއިން ޖުމުލަ 16 މީހުން ހައްޔަރު ކުރި. ރޭގައި ހަމަ އެ އެންމެން ދޫކޮށްލައިފިން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ މުޒާހަރާ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.

މުޒާހަރާގެ ބައިވެރިންވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފަ އެވެ. އަދި ސަރުކާރު ބައެއް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދިނުމަށްވެސް ގޮވާފައިވެ އެވެ.

ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރުމުން އެމަނިކުފާނު މިހާރު ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.