ރައީސް އަބްދުﷲ ޔާމީން

ވެރިކަމުގެ ފަސް އަހަރު މުޒާހަރާ ކުރުން މަނައެއް ނުކުރަން: ޔާމީން

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި މުޒާހަރާ ކުރުން މަނާކޮށްފައި ނުވާނެ ކަމަށާ ރައްޔިތުންގެ ބަސް ބުނަން ރައްޔިތުންނަށް މަގުމައްޗަށް ނުނިކުމެވޭނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ އިއްޔެ މާލޭގައި ބާއްވަން މަސައްކަތް ކުރި އިންޑިއާ އައުޓް ހަރަކާތަށް ސަރުކާރުން ހުރަސް އަޅާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ އަދި އެކަން ކުށްވެރި ކުރައްވާފައެވެ. ސަރުކާރުގެ އެންގުމަށް ފުލުހުން ނިކުމެ "ނޭވާހޮޅިއަށް" އިހުތިޖާޖު ހުއްޓުވި ހުއްޓުވުންވެސް ކުށްވެރި ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު ސަރުކާރާ ހަވާލުވެ އޮތް އެމްޑީޕީއަކީ މުޒާހަރާ ނުކުރެވިގެން އެ ހައްގު ހޯދަން މަސައްކަތް ކުރި ކަމަށް އަމިއްލައަށް ދައުވާ ކުރާ ބައެއް ކަމަށާ ނަމަވެސް މިއަދު ފެންނަނީ ވެރިކަން ލިބުމުން މުޒާހަރާ ކުރުމުގެ ހައްގު ނިގުޅައިގަންނަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ބާއްވަމުންދާ އިހުތިޖާޖުތައް ނުހުއްޓުވޭނެ ކަމަށާ އެ ހަރަކާތް ކުރިއަށް ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އިހުތިޖާޖަށް ފުރުސަތު ނުދެނީ އެ ހަރަކާތަށް ނިކުންނާނެ ރައްޔިތުންގެ އަދަދު އިތުރުވާތީ ބިރުން ކަމަށެވެ. އެއީ މިހާރު އޮތް "މޯދީ ކޯލިޝަނަށް" ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި މުޒާހަރާ ކުރުން މަނާކޮށްފައި ނުވާނެ ކަމަށާ ރައްޔިތުންގެ ބަސް ބުނަން ރައްޔިތުންނަށް މަގުމައްޗަށް ނުނިކުމެވޭނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށެވެ.

"އަޅުގަނޑުމެން ހުއްދަ ދިނީމޭ މުޒާހަރާ ކުރަން. އަޅުގަނޑުގެ ސަަރުކާރުގެ ފަސް އަހަރު ނޯންނާނެ މުޒާހަރާ ކުރުން މަނާކޮށްފައެއް. އަދި މުޒާހަރާއެއް އިސްވެ، ފެއްޓިއަކަ ނުދިނުމަށްޓަކައި މުޒާހަރާއާ ގުޅިގެން މިހާރު ފުލުހުންނަށް އެލިބޭ އިންޓެލިޖެންސް އޭރު ހަމަ ގައިމުވެސް ފުލުހުންނަކަށް ނުލިބޭ. މިހާރު މި ލިބެނީ އާ އިންޓެލިޖެންސްތަކެއް. މިހާރު ލިބޭ އިންޓެލިޖެންސްގައި ހަމަ ސީދާ ކަނޑައެޅިގެން ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަށް އަރައިގަތުމުގެ މަސައްކަތް މި ކުރަނީ. ހަމަ ޝައްކެއްވެސް އިސްތިއުނާފީ މައްސަލަތައް ނިމިގެންދާއިރު ފުލުހުން އެކުރާ މަސައްކަތްތައް ހުއްޓުވާނެ. ރައްޔިތުންގެ ބަސް ބުނަން ރައްޔިތުންނަށް މަގުމައްޗަށް ނުނިކުމެވޭނެ ގޮތެއް އެއީ ނެތް ގޮތެއް. ގާނޫނު އަސާސީން އެކަން ކަށަވަރު ކޮށްދޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑުމެން ހުއްދަ ދިނީމޭ މުޒާހަރާ ކުރަން. އަޅުގަނޑުގެ ސަަރުކާރުގެ ފަސް އަހަރު ނޯންނާނެ މުޒާހަރާ ކުރުން މަނާކޮށްފައެއް. އަދި މުޒާހަރާއެއް އިސްވެ، ފެއްޓިއަކަ ނުދިނުމަށްޓަކައި މުޒާހަރާއާ ގުޅިގެން މިހާރު ފުލުހުންނަށް އެލިބޭ އިންޓެލިޖެންސް އޭރު ހަމަ ގައިމުވެސް ފުލުހުންނަކަށް ނުލިބޭ. މިހާރު މި ލިބެނީ އާ އިންޓެލިޖެންސްތަކެއް. މިހާރު ލިބޭ އިންޓެލިޖެންސްގައި ހަމަ ސީދާ ކަނޑައެޅިގެން ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަށް އަރައިގަތުމުގެ މަސައްކަތް މި ކުރަނީ. ރައްޔިތުންގެ ބަސް ބުނަން ރައްޔިތުންނަށް މަގުމައްޗަށް ނުނިކުމެވޭނެ ގޮތެއް އެއީ ނެތް ގޮތެއް. ގާނޫނު އަސާސީން އެކަން ކަށަވަރު ކޮށްދޭ
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް

ރައީސް ޔާމީން ވަނީ މާލޭގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވަން ފުލުހުންނަށް އިރުޝާދު ދިނީ އިންޑިއާ މީހެއް ކަމަށް ބުނެ މީޑިއާގައި ދައުުރުވާ އިންޑިއާ މީހާ ފެންނަ ފޮޓޯތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މުޒާހަރާ ހިނގި ވަގުތު ޕީޕީއެމް އޮފީސް ސަރަހައްދުގައި އެ ނޫންވެސް އިންޑިއާ މީހުން ހަރަކާތްތެރިވި ކަމަށާ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަަމަށެވެ.

އަދި މިއަދު ބަދިގޭގައި ކައްކާ މީހުންނާއި މެޑިކަލް އޮފިސަރުންނަށް އިންޑިއާ މީހުން ތިބޭ ހިސާބަށް ގައުމުގެ ހާލަތު ނުރައްކާ ކޮށްފައިވާ ކަމަށެވެ. ސަރުކާރުން އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެ ގެންގޮސް އެކަން ރައްޔިތުންނަށް ފޮރުވަން ފުލުހުން މެދުވެރިކޮށް ދައްކާ ވާހަކަތައް ގަބޫލުކުރާނެ ރައްޔިތަކު ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްތަކުގައި އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލްގައި އިނދެގެން ބިދޭސީ މީހާ ދިޔައީ ފުލުހުން އަމަލު ކުރަންވީ ގޮތް ބުނެދެމުންނެވެ. އަދި އެއީ އިންޑިއާ މީހެއް ކަމަށް ބައެއް ނޫސްތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ނޫސްތަކުގައި ބިދޭސީ މީހާގެ ފޮޓޯ އާންމުކުރުމާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ އެ ބިދޭސީ މީހާގެ ފޮޓޯ ވައިރަލްކޮށް ވަރަށް ބޮޑަށް އޭނާ އަށް ފާޑުކިޔާފަ އެވެ. އަދި އެމީހާ އަކީ އިންޑިއާ މީހެއް ކަމަށް ތުހުމަތުކޮށް ބައެއް އާންމުން ވަނީ އިންޑިއާ އިން ރާއްޖޭގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ވަދެފައި އޮތް މިންވަރު ބިދޭސީ މީހާގެ އަމަލުތައް ހުރި ގޮތުން އެކަނިވެސް ހާމަވާ ކަމަށް ބުނެފަ އެވެ.

ބިދޭސީ މީހާގެ އަމަލުތަކާ މެދު ކަންބޮޑުވި ބައެއް މީހުން ވަނީ އެ މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަން ހާމަކޮށްދިނުމަށް ފުލުހުންނަށް ގޮވާލާފަ އެވެ. އެކަމަކު އެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ބިދޭސީ މީހާ އަކީ ފުލުހުންގެ އިދާރާގައި ސިއްހީ ހިދުމަތް ދޭ ބައިގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި ބިދޭސީ މުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާ އެކުގައި ކަމަށްވެސް ބުނެފައިވެ އެވެ. އެކަމަކު ފުލުހުންގެ މެސެޖުގައި ވެސް ބިދޭސީ މީހާ ނިސްބަތްވާ ގައުމު ބުނެފައެއް ނުވެ އެވެ.

"ބައެއް ނޫސްތަކުން މިމުވައްޒަފުގެ ފޮޓޯ އަދި މައުލޫމާތު ހާމަކުރި ގޮތުގެ ސަބަބުން މުވައްޒަފަށް އިންޒާރު ލިބެމުންދާ ކަމަށް މުވައްޒަފުގެ ފަރާތުން މައުލޫމާތު ލިބިފައިވެ،" ފުލުހުންގެ މެސެޖުގައިވެ އެވެ.