މުޒާހަރާ

މުޒާހަރާތަކަށް ހުރަސް ނާޅަން ބައިނައްލަގުވާމީ ޖަމިއްޔާތަކުން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ އިހްތިޖާޖުތަކަށް ހުރަސް ނޭޅުމަށް ބައިނައްލަގުވާމީ ބައެއް ޖަމިއްޔާތަކުން ގޮވާލައިފި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅުން ކުރާ ސުލްހަވެރި އިހުތިޖާޖުތަކުގައި ފުލުހުން މުޒާހަރާގެ ބައިވެރިންނާއި ނޫސްވެރިން ހައްޔަރުކުރަނީ ސަބަބެއް ބަޔާންކުރުމަކާއި ނުލައި ކަމަށެވެ. އަދި ފުލުހުންގެ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިގޮތުން ބަޔާނުގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ މި އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނޫއަސާސީގެ އިތުރުން ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އާއި ދިވެހިރާއްޖެ އިން ސޮއި ކޮށްފައިވާ ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ މުއާހަދާ އާއި ވެސް ހިލާފު އަމަލުތަކެއް ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މުޒާހަރާކުރުމުގެ އިތުރުން އިހްތިޖާޖު ކުރުމާއި މީޑިއާތަކަށް މިިނިވަން މާހައުލެއް ގާއިމުކޮށްދިނުމަކީ އެތަނެއްގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަންތައްތައް،" ޖަމިއްޔާތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

މި ބާޔާނުގައި ވަނީ ތަފާތުކުރުމަކާ ނުލައި ކޮންމެ ރައްޔިތަކަށް ވެސް މުޒާހަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ދިވެހި ފުލުހުންގެ އިދާރާއަށް ގޮވާލާފަ އެވެ.

މީގެ އިތުރުން އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އިން އޮވެ، އިންސާނީ ހައްގުތަކަށް ހުރަސް ނޭޅުމަށް ގޮވާލައި، މިފަދަ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ގޮވާލާފަ އެވެ.

މާލޭގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާތަކުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށެވެ.