މުހައްމަދު ހަމީދު

މުޒާހަރާގައި މުސްކުޅި އަންހެނަކު ހައްޔަރުކުރި ގޮތް ބަލަނީ

ރައީސް ޔާމީނު 11 އަހަރަށް ޖަލަށްލުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ މުސްކުޅި އަންހެނަކު ހައްޔަރުކުރި ގޮތް ތަހުގީގުކުރަމުންދާ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ އަންހެން ތިން ފުލުހަކު ބާރުގެ ބޭނުންކޮށް ގަދަކަމުން މުސްކުޅި އަންހެނެއް ހައްޔަރުކުރާ މަންޒަރެވެ. އެ އަންހެން މީހާ ގަދަ ހަދަމުން ދިޔަ އިރު، ފުލުހުން އޭނާގެ އަތް ނައްޓުވައި ދުރަށް ޖެއްސާ މަންޒަރު ވެސް ފެނިގެންދެއެވެ.

މި ވީޑިއޯއާއި ގުޅިގެން ފުލުހުންނަށް އަންނަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެެވެ.

މި މައްސަލައިގެ އިތުރުން، މާލޭގައި ހިނގަމުން އަންނަ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރާނެ ކަމަށް ވިދާޅުވެ ކޮމިޝަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޭ މުޒާހަރާގައި ދުވަސްވީ އަންހެނަކު ހައްޔަރުކުރި މައްސަލަ ވެސް އެ އިދާރާއިން ބަލާނެ ކަމަށެވެ.

އަންހެން މީހާ ހައްޔަރުކުރި ގޮތް ބަލާނެ ކަމަށް ފުލުހުން ބުނެފައި މިވަނީ އުމުރުން ދޮށީ މި އަންހެން މީހާ ހައްޔަރުކުރި ގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެންނެވެ.

މާލޭގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ނިމިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާތަކުގައި ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށެވެ.