ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސީ ބޭނުމަށްޓަކައި ބަޔަކު ގައުމު ފަސާދަކޮށްލި: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ބަޔަކު އޮތީ ގައުމު ފަސާދަކޮށް ބައިބައި ކޮށްލާފައި ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މ. ކޮޅުފުށީގައި މިއަދު އޮތް ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހިންނަކީ ޒަމާނުންސުރެ އެކުވެރި އަދި އެއްބައިވަންތަ ބައެއް ކަމަށެވެ. ޑިސެމްބަރު 26، 2004 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއިން އަރައިގަނެވުމުގެ އަސްލަކީވެސް ދިވެހިންގެ އީމާންތެރިކަމާއި އެއްބައިވަންތަކަން ކަމުގައި ވިދާޅުވި އެވެ.

"އެ ހިތާމަވެރި ދުވަހު ދިވެހިންގެ މެދުގައި ހަމަނުޖެހުން ނުއުފެދުނީ ދިވެހިންގެ ޒަމާންވީ އެއްބައިވަންތަކަމުގެ ސަބަބުން،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިގޮތުން އެ ދުވަހު އެމީހެއްގެ ކެރި ފޯރުންތެރިކަން ހުރި ވަރަކުން އެކަކު އަނެކަކަށް އެހީތެރިވެ ދިވެހިން ދެއްކި ނަމޫނާ ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އާންމު ފަރުދުންގެ އިތުރުން ސަލާމަތީ ބާރުތަކުންނާއި ވިޔަފާރިވެރިން ވެސް ވެދެއްވި އެހީތެރިކަމަކީ ޝުކުރު ހައްގު ކަމެއް ކަމަށެވެ.

އެކަމަކު އެމަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ސިޔާސީ ބޭނުމަކަށްޓަކައި ވަކި ބަޔަކު އެ އެއްބައިވަންތަކަން ނައްތާލައި، ބައިބައިވުން އުފައްދާފައިވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވެ ދިވެހިންގެ މެދުގައި ކުރިން އޮތް އެއްބައިވަންތަކަން އާލާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމުގެ ހަޔާތުން ހޭދަވާ ކޮންމެ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަން ފެނިގެންދާނެ ދުވަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ދިވެހި ގައުމު އެއްބައިވަންތަ ކަމުގައި ކުރިއަށް ގެންގޮސްދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

"ރާއްޖެއަށް އިރު އަރާ އޮއްސޭ ކޮންމެ ދުވަހަކީ އެއްބައިވަންތަކަމުގެ ދުވަހެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.