ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުރިހަމަ ހިދުމަތްތަކެއް ލިބޭ ރަށަކަށް ކޮޅުފުށި ހަދާނަން: ރައީސް

ސުނާމީގެ ކުރިން އޮތް ހާލަތަށް މ. ކޮޅުފުށި ގެންގޮސް، އެއަށް ވުރެ ފުރިހަމަ ހިދުމަތަތަކެއް ލިބޭ ރަށަކަށް ކޮޅުފުށި ހަދައިދޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މ. ކޮޅުފުށީގައި މިއަދު އޮތް ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ އަސާސީ ހިދުމަތްތައް ފޯރު ކޮށްދިނުމުގެ މަޝްރޫއުތައް ކޮޅުފުށީގެ އިތުރުން މ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށްދާ ކަމަށެވެ.

ސުނާމީގެ ކުރިން އޮތް ހާލަތަށް ކޮޅުފުށި ގެންގޮސް، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބެން ހުންނަ ރަށަކަށް ހެދުމުގެ ގޮތުން ކޮޅުފުށީގައި ކުރިއަށްދާ އަދި ފެށުމަށް ހަމަޖެހިފައިވާ ގިނަ މަޝްރޫއުތަކެއް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކުރީގައި އޮތް ކޮޅުފުއްޓަށް މިރަށް ބަދަލުކޮށް އެއަށް ވުރެ ރަނގަޅު ހިދުމަތްތައް ފޯރު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ދެން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މިގޮތުން ކޮޅުފުށީގައި ކުރިއަށްދާ ބޯ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި، ފެނަކައިން ކުރިއަށް ގެންދާ އާ އިންޖީނުގެ އެޅުމުގެ މަސައްކަތް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު މިވަގުތު މަޑުޖެހިފައި އޮތް ނަމަވެސް، އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށް އަލުން ފަށާނެ ކަމަށެވެ.

"100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަލުން ފަށާ، މި ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނަން،" ރައީސް ވިދާޅުވި އެވެ.