ކުޅިވަރު

ބީޗް ވޮލީ ޓީމް ސެންޓްރަލް ޒޯންގައި ވާދަކުރަން ބަންގްލަދޭޝް އަށް

އަންނަ ބުދަ ދުވަހު ފަށާ އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ބީޗް ވޮލީ ޓީމު ބަންގްލަދޭޝް އަށް ގޮސްފި އެވެ.

ބަންގްލަދޭޝްގައި މުބާރާތް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ. މި މަހުގެ 30 ވަނަ ދުވަހު ނިމޭ މުބާރާތުގައި ފަސް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ބޫޓާނާއި ނޭޕާލް، ޕާކިސްތާން އަދި ކިރްގިސްތާނެވެ.

މުބާރާތަށް ފުރި ޓީމުގައި ދެ ޕެއާ ހިމެނެ އެވެ. އެއީ ޝަމާއިލް ހުސައިން އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ އަދި އާދަމް ނަސީމް (އެޑަމް) އާއި އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) ގެ ޕެއާ އެވެ. ހަތަރު ކުޅުންތެރިންގެ ތެރެއިން ޝަމާއިލް ބީޗް ވޮލީ ޓީމުގައި ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ.

ގައުމީ ޓީމުގެ ކޯޗަކީ ބްރެޒިލްގެ ވިނީޝިއަސް އެވެ. އެސިސްޓެންޓް ކޯޗަކީ އަހުމަދު އަނިލް ނަސީރު އެވެ. ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.
މިފަހަރުގެ މުބާރާތުގައި އިންސާފުކުރުމަށް ރާއްޖޭގެ ކުޅަދާނަ ބީޗް ވޮލީ ރެފްރީ އިސްމާއީލް އަބްދުﷲ (އިންމަ) ބަންގްލަދޭޝް އަށް ދާނެ އެވެ. އިންމަ އަކީ އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ ރެފްރީއެކެވެ.

ބްރެޒިލްގެ ކޯޗުގެ އިރުޝާދުގެ ދަށުން ބީޗް ވޮލީބޯޅަ ޓީމް ވަނީ މަހެއްހާ ދުވަހު ޕްރެކްޓިސް ކޮށްފަ އެވެ. މުބާރާތަށް ބީޗްވޮލީ ޓީމް ފުރީ މެޑަލަކަށް އަމާޒު ކޮށްގެންނެވެ.

ސެންޓްރަލް ޒޯނަށް ފުރި ބީޗް ވޮލީބޯޅަ ޓީމާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ، އަހުމަދު މަހުލޫފް ވަނީ ބައްދަލުކުރައްވައި ޓީމަށް ހިތްވަރުދެއްވާފަ އެވެ.