"ޖޭން ދަ ވާޖިން"ގެ ޖީނާ ރޮޑްރިގޭޒް "ނޮޓް ޑެޑް ޔެޓް" ކޮމެޑީ ސީރީޒްގައި މަސައްކަތްކުރަނީ އެވެ.
މި ސީރީޒްގައި ޖީނާގެ އިތުރުން އެންޖެލާ އީ ގިބްސް، ލޯރެން އޭޝް، ހެނާ ސިމޯން، ރިކް ގްލާސްމަން، މެރީ އެލިޒަބަތް އެލިސް އާއި ޖޯޝް ބޭންޑޭ ހިމެނެ އެވެ.
"ނޮޓް ޑެޑް ޔެޓް"ގައި ނެލް ސްޓީވަންސް (ޖީނާ) ސިންގަލް ވުމަށްފަހު 10 އަހަރު ކުރިން ދޫކޮށްފައި ދިޔަ ކެރިއާ އަދި ހަޔާތް ފެށުމަށް މަސައްކަތްކުރެ އެވެ.
ނެލް އަށް ލިބެނީ އޮބިޗުއަރީސް (މީހުން މަރުވީމަ އާއިލާ / ރައްޓެހިންގެ ފަރާތުން ޖަހާ މެސެޖް ނޫނީ އެނައުސްމަންޓް) ލިޔާ ވަޒީފާ އެކެވެ.
މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް އޭބީސީ ޗެނަލް އިން ދައްކާނީ އަންނަ އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު އެެވެ.
މި ސީރީޒް ދެއްކުމަށް ތައްޔާރުވަމުންދާއިރު، ޖީނާ އިނީ ވިހަން ކައިރިވެފަ އެވެ. މިއީ ޖީނާ އާއި ފިރިމީހާ ޖޯ ލޮސިސޭރޯ އަށް ލިބޭ ފުރަތަމަ ދަރި އެވެ. ޖީނާ ބޭނުންވަނީ އަންނަ މަހު ވިހެއުމުގެ ކުރިން ވީހާވެސް ގިނަ މަސައްކަތްތަކެއް ނިންމުމަށެވެ.
މިގޮތުން ޖީނާގެ ފަހުގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ލޮސްޓް އޮލީ" އެނިމޭޓެޑް ސީރީޒްއާއި "އައި ވޯންޓް ޔޫ ބެކް" ހިމެނެ އެވެ.