ފިނިޕޭޖް

"ވިޒަޑް އޮފް އޯޒް"ގެ އަވާގްލާސް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

އޮސްކާ ފަދަ މަޝްހޫރު އެވޯޑްތައް ހޯދާފައިވާ ފިލްމު -- ވިޒަޑް އޮފް އޯޒްގައި ބޭނުންކުރި އަވާގްލާސް ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރަށް ނީލަމުން ވިކިއްޖެ އެވެ. މިއީ 1939 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމެކެވެ.

އަވާގްލާސް ވިކުނީ 495،000 އެމެރިކާ ޑޮލަރަށެވެ. މި އަވާގްލާސްއަކީ ވިޒަޑް އޮފް އޯޒްގައި ވިކަޑް ވިޗް އޮފް ވެސްޓް ޑޮރޮތީގެ ރަތް ގްލިޓަރީ ބޫޓު ބޭނުންވެގެން ޑޮރޮތީ ބިރުގަންނަވާ، ދިރިހުންނާނީ އޭގައި ވެލި ބާކީ ހުރި ވަރަށް ކަމަށް ބުނާ ސީންގައި ބޭނުން ކުރި އަވާގްލާސް އެވެ.

މިއީ އެ ފިލްމްގައި ބޭނުންކުރި ޕްރޮޕްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޕްރޮޕް ކަމަށް އާސާރީ ތަކެތި ވިއްކާ ފަރާތްތަކުން ސިފަކޮށްފައިވެ އެވެ.

ވިހި އިންޗީގެ ދިގުމިނުގެ މި އަވާގްލާސް އަކީ ގޮތިކް ފްރޭމެއްގައި ހޭންޑް-ބްލޯން ގްލާސްގެ ވަށައިގެން ތިން އެނބުރޭ ކޮލަމްގައި ވިންގްޑް ގާގޮއިލްސް ގުޅޭގޮތަށް ހަދާފައިވާ އެއްޗެކެވެ. އެ ގްލާސްގެ ތެރެއަށް ފަހުން ވަނީ ރަތް ކުލައިގެ ގްލިޓާ އަޅާފަ އެވެ.

މި އަވާގްލާސްގެ އިތުރުން ޑޮރޮތީގެ ރޯލް އަދާކުރި ޖޫޑީ ގާލެންޑް އެ ފިލްމުގައި ލާފައި ހުންނަ ނޫ އަދި ހުދުކުލައިގެ ގިންގަމް ޕިނަފޯ ހެދުންތަކުގެ ތެރޭގައި ހިމެނޭ އޮރިޖިނަލް ދެ ހެދުމުގެ ތެރެއިން އެއް ހެދުން ވަނީ 1.5 މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ. އަނެއް ހެދުން ވަނީ މިއުޒިއަމްއެއްގަ އެވެ. މި ހެދުމުގެ ޓެސްޓް ވާޝަން 125،000 ޑޮލަރަށް ވިކިފައިވާއިރު، އެއް ޓެސްޓް ހެދުމުގެ މިލްކިއްޔާތު ކަށަވަރުކުރުމުގެ ދައުވާއެއް މިހާރުވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ.