ލައިފްސްޓައިލް

ކައިފަ ކަސްރަތު، ކައި ކައިފަ ކަސްރަތު!

ބަރުދަން ލުއިކޮށް ހިކޭނީ ކިހިނެތް ހަދައިގެން ހެއްޔެވެ؟ ކުރަން ޖެހޭހާ ވެސް ކަމަކީ ކެލޮރީސް އެންދުމެވެ. ނުވަތަ ދަށްކުރުމެވެ.

ޗޮކްލެޓް ބާއެއްގައި ކިހާ ވަރަކަށް ކެލޮރީސް ހިމެނޭކަން އެނގޭ ހެއްޔެވެ؟ އެންމެ ޗޮކްލެޓް ބާއެއްގައި 240 ކިލޯކެލޮރީ ހިމެނެ އެވެ. އެހެންވީމަ ހަށިގަނޑު ފަލަނުވާނެ މިންވަރަކަށް ހަށިގަނޑުގައި ކެލޮރީގެ ލެވެލް ބަހައްޓަން ބޭނުންވަނީ ކަމުގައިވާ ނަމަ ޗޮކްލެޓެއް ކެއުމުގެ ބަދަލުގައި އާފަލެއް އިހްތިޔާރުކޮށްލާށެވެ.

މިއީ ދުވާލަކަށް 100 ކެލޮރީ އިން ސަލާމަތްވުމަށް ހިތްކިޔާ ނަމަ އިހްތިޔާރުކުރެވިދާނެ ދުޅަހެޔޮ ކެއުމެކެވެ. ހަމަ މިގޮތަށް ކޯކް ނުވަތަ އެހެން ފިޒީ ބުއިމެއްގެ ބަދަލުގައި ފެން ވެސް އިހްތިޔާރުކުރެވިދާނެ އެވެ. ސިއްހަތަށް ރަނގަޅުވީމަ އެވެ.

މިހައި ހިސާބުން "ކައިފަ ކަސްރަތު، ކައި ކައިފަ ކަސްރަތު" ގައި ވަނީ ކިހިނެތްތޯ ބަލައިލަމާ ހިނގާށެވެ. މިއީ މިވެނި އެއްޗެއް ކައިގެން މިވެނި ވަރަކަށް ކެލޮރީސް ލިބޭ ވާހަކަ އާއި އަދި ހަމަ އެ ކެއުމަކަށް ފަހު މިވެނި ކަސްރަތެއްކޮށްލައިގެން އެ ކެލޮރީސް ދުއްވާލެވިދާނެ ވާހަކަ އެވެ.

އެނގޭ ހެއްޔެވެ؟ ފައްސަތޭކަ އެމްއެލްގެ ކޯލާ އަކީ ގާތްގަނޑަކަށް 200 ކެލޮރީޒް އެވެ. އެހެންވީމަ 500 އެމްއެލްގެ ކޯލާ ހަށިގަނޑަށް ނެގުމަށް ފަހު އޭގެ ސަބަބުން ޖަމާވާ ކެލޮރީސް އިން ސަލާމަތްވާން ފަސޭހައިން ކޮށްލެވޭނެ ކަސްރަތަކީ ކޮބައި ހެއްޔެވެ؟

މުޅި ގޭތެރެ ވެކިއުމްކުރަންވީ އެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު އަވަދިނެތި ވެކިއުމް ކްލީނަރު ގޮވައިގެން ގޭތެރޭގައި އެނބުރުނީމަ ހުންނާނީ 200 ކެލޮރީޒް އަނދާ ވަރަށް ކަސްރަތުކުރެވިފަ އެވެ.

ފިޝް އެންޑް ޗިޕްސް އަކީ 1000 ކެލޮރީޒް އެވެ. މި ކެއުމަށް ފަހު މަދުވެގެން 14 މޭލު (22 ކިލޯމީޓަރު) ގެ ހިނގުން އެއީ ފައްކާ ކަސްރަތަކަށް ވާނެ އެވެ.

ޗޮކްލެޓްގެ ހަތަރު ސްކެއާ އަކީ 100 ކެލޮރީޒް އެވެ. އެއިން ސަލާމަތްވުމަށް 15 މިނެޓްގެ ފެތުމެއް ވަރަށް ރަނގަޅުވާނެ އެވެ.