ރައީސް މުހައްމަދު ނަޝީދު

ކެމްޕޭނަށް ރައީސް ނަޝީދު އުތުރަށް ވަޑައިގަންނަވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީގެ ކެމްޕޭނަށް އުތުރުގެ ރަށްތަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ވަޑައިގަންނަވަނީ އުތުރުގެ ތިން އަތޮޅަކަށެވެ. އެ އަތޮޅުތަކަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވާ ވަކިވަކި ރަށްތަކުގެ މައުލޫމާތު އަދި ކެމްޕޭން ޓީމުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް މާދަމާ ރޭ މާލޭގެ ސަލްޓަން ޕާކްގައިވެސް ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕޭން ކުރައްވަނީ "ފިކުރެއްގެ ދިރުން" މި ޝިއާރުގެ ދަށުންނެވެ.

"ފިކުރެއްގެ ދިރުން"ގެ ނަމުގައި ބާއްވަވާ މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައެވެ. ބައްދަލުވުން އޮންނާނީ ސަލްޓަން ޕާކްގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މި ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ ކެމްޕޭން ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 28 ވަނަ ދުވަހު އެވެ.