ހަސަން ލަތީފް

ކޮމިޓީ ނެގި ގޮތުން ޕްރައިމަރީއަށް އިތުބާރު ގެއްލިދާނެ: ހަސަން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހާއްސަކޮށްގެން އިންތިހާބު ކޮމިޓީ ހޮވާފައިވަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށާއި އެހެންކަމުން ރިޔާސީ ޕްރައިމަރީއާ ދޭތެރޭ އެމްޑީފީގެ އާންމު މެމްބަރުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ތާޖުއްދީން ސްކޫލުގައި ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތިހާބީ ކޮމިޓީ އެކުލަވާލީ ހޫނު ބަހުސްތަކަކަށް ފަހު ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ ބައިވެރިވުން ނެތި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައި ބުނެފައިވަނީ އިންތިހާބީ ކޮމިޓީގެ ފަސް މެންބަރުން ހިމެނުމަށެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ހުށަހެޅުއްވީ މި ކޮމިޓީގައި ދެ ކެންޑިޑޭޓުން ތަމްސީލް ކުރަން ދެ ބޭފުޅުން ހިމެނުމަށާއި ދެ ކެންޑިޑޭޓުންނަށް އެއްބަސްވެވޭ އިތުރު ބޭފުޅަކު ހިމެނުމަށެވެ. އަދި ކޮމިޓީއަށް ހޮވާ ފަސް ބޭފުޅުންގެ ނަމަށް ވަކިވަކިން ވޯޓަށް އެހުމަށްވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ހުށަހެޅުއްވި އެެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ހުށަހެޅި ނަންތައް:

  • މުހައްމަދު އިބްރާހިމް މަނިކު (އިންތިހާބު ކޮމިޓީގެ ކުރީގެ ޗެއާ)
  • މުހައްމަދު ބަޝީރު (ނ. އަތޮޅު ކައުންސިލްގެ ރައީސް)
  • އިބްރާހިމް ވަހީދު (އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް)

މިހުށަހެޅުމަށް ރައީސް ސޯލިހަށް ތާއީދުކުރައްވާ މެންބަރުންނާއި ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

މިކަމާ ގުޅިގެން ހަސަން ލަތީފް ވިދާޅުވީ އިންތިހާބާ ގުޅޭ ކަންކަމުގައި މުހައްމަދު ބަޝީރަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އަދި އެފަދަ ބޭފުޅަކު އެމްޑީޕީގައި މަދުވާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން މުހައްމަދު އިބްރާހިމް މަނިކަކީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެއް ކަމުން، އިންތިހާބާ ބެހޭ ކޮމިޓީގައި މި ބޭފުޅުން ހިމަނަން ދެކޮޅު ހަދަންޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މި ދެބޭފުޅުންނަށް އެ މަސައްކަތް ނުކުރެވޭނަ ކަމަށް ގަބޫލުކުރެއްވުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫން،" ރައީސް ނަޝީދާ އެކު ހުންނެވި ހަސަން ލަތީފް ވިދާޅުވި އެވެ.

އިންތިހާބު ކޮމިޓީއަށް މިހާރު ހޮވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެ ސްޓޭޓް މިނިސްޓަރުންނާއި ރައީސްގެ ކުރީގެ ލީގަލް އެޑްވައިޒަރު ވެސް ހިމެނުމަކީ ވަކި ގޮތަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދިއުމަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށް ހަސަން ވަނީ ތުހުމަތުކުރައްވާފަ އެވެ.

"އަޅުގަނޑުމެންނަށް ވިސްނެނީ މުޅީން އެހެން ކަމެއް ކުރައްވަން އެ ކޮމެޓީން މަސައްކަތް ކުރައްވަން ފައްޓަވާ ތަން. އިންތިހާބު ނުރަނގަޅު ގޮތަކަށް، ވަކި ގޮތަކަށް ގެންދިއުމަށް ނަގާފައި އޮތް ކޮމެޓީއެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް. ޕާޓީގެ މެންބަރުންނަށް އެހެން ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތް،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ އިންތިހާބު ކޮމިޓީގައި ހިމެނޭ ބޭފުޅުން:

  • އަނަސް އަބްދުއްސައްތާރު
  • އަހުމަދު އަބްދުﷲ އަފީފް
  • އަކްރަމް ކަމާލުއްދީން
  • މުހައްމަދު އީމާން
  • އިބްރާހިމް ވަހީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ވާދަކުރެއްވުމަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީން ނިންމާފައިވަނީ އަންނަ ޖެނުއަރީ 28 ވަނަ ދުވަހެވެ.