ފަރެސް މާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓް ނިމުމާ ގާތަށް

Dec 27, 2022

ހުވަދު އަތޮޅުގައި ހަދަމުންދާ ހަތަރުވަނަ އެއާޕޯޓު -- ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. އެމްޓީސީސީ އަށް 144 މިލިއަން ރުފިޔާ އަށް މި މަޝްރޫއު ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

މިމަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭ އެއް އަޅައި، ރަންވޭ ސަބްގްރޭޑު ކުރުމާއި، ސަބްބޭސް މަސައްކަތްކުރުމާއި، ޓާމިނަލެއް އިމާރާތްކުރުމާއި، ފަޔާ ބިލްޑިން އިމާރާތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަން ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ހަދަންޖެހެ އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ރަންވޭ، ޓެކްސީވޭ، އޭޕްރަން މަސައްކަތްތަކުގެ 93 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީ އިން މިއަދު ވަނީ ފަރެސްމާތޮޑާ އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ ބޭރުން ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. ފޮޓޯތައް ބޭރަށް ފެންނައިރު އެއީ ރީތި އިމާރާތެއް ކަން ފާހަގަކުރެވެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން މ. މުލި، ރ. އަލިފުށި އަދި ފ. މަގޫދޫގައި ސަރުކާރުން ދަނީ އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުންނެވެ. މީގެއިތުރުން ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގައިވެސް އިތުރު އެއާޕޯޓެއް އެޅުމަށް ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.