ފަރެސް މާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓްގެ ލައިޓްތައް ޓެސްޓަށް ދިއްލާލައިފި

ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓްގެ ލައިޓްތައް ޓެސްޓަށް ދިއްލާލައިފި އެވެ.

ދިއްލާލީ ރަންވޭ ވަކިކުރަން ޖަހާފައިވާ ލައިޓްތަކެވެ. ލައިޓް ދިއްލާލި ނަމަވެސް އެއާޕޯޓުގެ މަސައްކަތް އަދި މުޅިން ނިންމާލާފައެއް ނުވެ އެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މިއަހަރުގެ ނޮވެމްބަރު މަހު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިމި އަންނަ އަހަރުގެ ކުރީކޮޅު އެއާޕޯޓު ހުޅުވޭ ވަރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ގދ. އަތޮޅުގައި ހަދާ ތިންވަނަ އެއާޕޯޓެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، އޭޕްރަންއާއި، ޓެކްސީވޭއާއި، ޓާމިނަލާއި، ސާވިސް ރޯޑު އިމާރާތެއް ހެދުމުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓަކަށް ކޮންމެހެން ބޭނުންވާނެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފަރެސްމާތޮޑާ އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 2020 ގައެވެ. މިމަޝްރޫއަށް 145 މިލިއަން ރުފިޔާ ހޭދަކުރެ އެވެ.