ފިނިޕޭޖް

ޕްރިންސް ހެރީ އާއި މޭގަން: ޖެރެމީއަށް މައާފެއް ނުކުރި

މީގެ ދެ ހަފްތާ ކުރިން ޓީވީ ހޯސްޓް ޖެރެމީ ކްލާކްސަން އިނގިރޭސި ވިލާތުގެ ޓެބްލޮއިޑް ނޫސް ދަ ސަންގައި މޭގަން މާކަލް، ޑަޗެސް އޮފް ސަސެކްސް ދެކެ ނަފްރަތު ކުރާމަށް ބުނެ، އެއްޗެތި ކިޔާފައިވާ ކޮލަމެއް ލިޔުނެވެ.

ޖެރެމީ މި ކޮލަމް ލިޔެފައިވަނީ ދާދި ފަހުން ނެޓްފްލިކްސް އިން ރިލީޒްކުރި "ހެރީ އެންޑް މޭގަން" ޑޮކިއުމެންޓަރީއާ ގުޅިގެންނެވެ.

އެ އާޓިކަލްގައި ޖެރެމީ "ސެލުލާ ލެވެލްގައި" މޭގަން ދެކެ ނަފްރަތު ކުރާކަމަށް ބުނެ، ސީރިއަލް ކިލާ ރޯސް ވެސްޓްއާ އަޅާ ކިއެވެ. އަދި ރޭގަނޑު ނުނިދޭ ހާލަތުގައި ދަތްކުނޑި ވިކަމުން ދެކޭ ހުވަފެނަކީ މޭގަން އިނގިރޭސި ވިލާތުގެ ހުރިހާ ރަށެއްގެ މަގުމަތީގައި ބަރަހަނާކޮށް ހިނގައި، އެއްވެތިބި މީހުން "ލަދު" ގޮވަމުން ގަޔަށް ނަޖިސް އުކާތަނެވެ. މިއީ "ގޭމް އޮފް ތްރޯންސް" ސީރީޒްގައި ކުއީން ސަސީއަށް ހެދި ގޮތެކެވެ.

މި އާޓިކަލްގައި ލިޔެފައިވާ ވާހަކަތަކާ ގުޅިގެން އެތައް ހާސް މީހުން ނުރުހުން ފާޅުކޮށް، އިނގިރޭސިވިލާތުގެ މުސްތަގިއްލު ޕްރެސް ރެގިއުލޭޓަރު -- ދި އިންޑިޕެންޑެންޓް ޕްރެސް ސްޓޭންޑަޑްސް އޯގަނައިޒޭޝަން (އިޕްސޯ) އަށް 17،500 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އިޕްސޯއިން ބުނެ އެވެ. މިއީ 2014 ގައި އެ މުއައްސަސާ އުފެއްދިފަހުން އެއް އާޓިކަލްއަކަށް ހުށަހެޅި އެންމެ ގިނަ ޝަކުވާ އެވެ. ހުދު ޖެރަމީގެ އަންހެން ދަރިފުޅުވެސް މިކަމަށް ނުރުހުން ފާޅުކުރި އެވެ.

މީގެ އިތުރުން 60 އަށް ވުރެ ގިނަ ޕާލިމަންޓް މެންބަރުން، ޖެރެމީއާ މެދު ފިޔަވަޅު އަޅައި، މައާފަށް އެދުމަށް ދަ ސަންގެ އެޑިޓަރަށް ލިޔެފައިވެ އެވެ.

މިކަމާ ގުޅިގެން ޖެރެމީވެސް މައާފަށް އެދި ޓްވީޓެއްގައި ބުނީ އޭނާ އަމިއްލަ ފައިމައްޗަށް ފުރޯ ވައްޓާލެވިއްޖެ ކަމަށާއި އެ އާޓިކަލްގައި މޭގަންއާ މުހާތަބްކޮށް "ގޭމް އޮފް ތްރޯންސް"ގެ ސީންއެއް ކުރިއަށް ގެންދިއުމަށް ބުނުމުން ގިނަ ފަރާތްތަކެއް އެކަމާ ނުރުހުން ފާޅުކުރާ ކަމަށެވެ. އަދި އޭނާގެ ސަބަބުން އެހާބޮޑު ދެރައެއް ލިބުނީތީ އެކަމާ ދެރަވާ ކަމަށާއި މުސްތަގްބަލުގައި އެކަންކަމަށް ރައްކާތެރިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ދަ ސަން އިން މިދިޔަ ހުކުރު ދުވަހު ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ކޮލަމް ލިޔާ ފަރާތްތަކުގެ ނަޒަރިއްޔާ ނުވަތަ އޮޕީނިއަން އަކީ އެ ފަރާތުގެ އަމިއްލަ އޮޕީނިއަންއެއް ކަމަށާއި ޕަބްލިޝާގެ ހައިސިއްޔަތުން ސަންއަށް ދޭހަވީ މިނިވަންކަމާއެކު ހިޔާލުފާޅުކުރުމަކީ ޒިންމާދާރުކޮށް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދަ ސަން އިން މައާފަށް އެދި، ބުނެފައިވަނީ އެ އާޓިކަލް ވެބްސައިޓް އަދި އާކައިވްސްއިން ނަގާފައިވާ ކަމަށާއި ސަން އިން އެ އާޓިކަލް ޝާއިއުކުރެވުނީތީ ހިތާމަކުރާ ކަމަށެވެ.

ޕްރިންސް ހެރީ އާއި މޭގަން ހޮނިހިރު ދުވަހު ބުނީ ދަ ސެންއިން އެދުނު މައާފަކީ ޕީއާރް ސްޓަންޓެއް ކަމަށާއި އެ ނޫހުން ސީދާ ގުޅާފައި ނެތް ކަމަށެވެ. ހެރީ އާއި މޭގަންގެ ތަރުޖަމާނު ބުނި ގޮތުގައި އާންމުންނަށް ދަ ސަން އިން އެކަމާ ހިތާމަފާޅުކުރާ ތަން ފެނުން މުހިއްމު ނަމަވެސް، މި ދަނޑިވަޅު އައިސްފައި މިވަނީ ދަ ސަން އިން އެފަދަ ނަފްރަތާއި އަނިޔާވެރިކަމާއި އަންހެނުންނާ މެދު އޮންނަ ނަފްރަތުން ފައިދާ ހޯދާތީ ކަމަށެވެ. އަދި ހަގީގަތުގައި މައާފަށް އެދުނުކަމަށް ވާނީ ދަ ސަންގެ އެތިކަލް މިންގަނޑުތަކަށް ބަދަލުގެނައުމުން ކަމަށާއި އެކަން ވާނެކަމަކަށް ނޭވާ ހިފަހައްޓައިގެން ނުތިބޭނެ ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.