ފިނިޕޭޖް

މޭޑް މެކްސްގެ ޕްރީކުއެލް "ފިއުރިއޯސާ"

"މޭޑް މެކްސް" ފްރެންޗައިޒްގެ ފަސްވަނަ ފިލްމް އަދި ޕްރީކުއެލްއެއް "ފިއުރިއޯސާ"ގެ ނަމުގައި ނެރުމަށް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

މި ފިލްމްގައި ގެނެސްދޭނީ އިމްޕެރޭޓާ ފިއުރިއޯސާގެ ބެކްސްޓޯރީ އެވެ. އަދި އެ ރޯލް އަދާކުރަނީ "ކުއީންސް ގެމްބިޓް"ގެ ތަރި އާންޔާ ޓޭލާ-ޖޯއި އެވެ.

މި ފިލްމް ފްރެންޗައިޒްގެ ޑައިރެކްޓަރު ޖޯޖް މިލާ ފުރަތަމަ ބޭނުންވީ 2015 ވަނަ އަހަރު ނެރުނު "މޭޑް މެކްސް: ފިއުރީ ރޯޑް"ގައި އިމްޕިރޭޓާ ފިއުރިއޯސާގެ ރޯލް އަދާކުރި ޝާލީޒް ތެރަން އެ ރޯލް އަދާކުރުމަށެވެ. އެހެން ނަމަވެސް މި ފިލްމަކީ ޕްރީކުއެލްއަކަށް ވުމުން، ޝާލީޒްގެ ހަގު ވާޝަންއެއް ދައްކަންޖެހޭނެތީ އާއި މާޓިން ސްކޯސޭސީގެ "ދި އައިރިޝްމަން" ގައި ބޭނުންކުރި ޑީ-އޭޖިން އިފެކްޓްސް އަށް ބަލާފައި އެ ހިޔާލު ދޫކޮށްލީ ކަމަށެވެ.

ޝާލީޒް ބުނީ ފިއުރިއޯސާގެ ރޯލަކީ އޭނާ ވަރަށް ޝައުގުވެރިކަމާއެކު ކުޅުނު ރޯލެއް ކަމަށާއި ސިކުއެލްއެއްގެ ބަދަލުގައި ޕްރީކުއެލްއެއް ހަދާތީ އޭގައި އެކްޓް ނުކުރެވޭތީ ހިތާމަކުރާ ކަމަށެވެ.

އާންޔާގެ އިތުރުން، "ތޯ"ގެ ރޯލް އަދާކުރާ ކްރިސް ހެމްސްވޯތް ތަފާތު ގޮތެއްގައި ފެންނާނެ އެވެ. މީގެ އިތުރުން ޓޮމް ބާކް އާއި ނޭތަން ޖޯންސް ވެސް މި ފިލްމްގައި ހިމެނެ އެވެ.

"މޭޑް މެކްސް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމް ރިލީޒްކުރީ 1979 ވަނަ އަހަރު އެވެ. އަދި ލީޑް ރޯލް ކުޅުނީ މެލް ގިބްސަން އެވެ. މިއީ އޮސްޓްރޭލިއާގެ ޑިސްޓޯޕިއަން އެކްޝަން ފިލްމެކެވެ. މި ފިލްމް ވެގެން ދިޔައީ ގިނަ އަހަރުތަކެއް ވަންދެން ކުޑަ ބަޖެޓަކުން ހެދި އެންމެ ފައިދާ ބޮޑު ފިލްމަށެވެ. އެހެންކަމުން މެލް ގިބްސަންއާ އެކު ދެ ސިކުއެލްވެސް ނެރުނެވެ.

މި ފިލްމްގެ ހަތަރުވަނަ ފިލްމް، "މޭޑް މެކްސް: ފިއުރީ ރޯޑް" ނެރެފައިވަނީ 2015 ވަނަ އަހަރު އެވެ. މި ފިލްމްގައި މެލް ގިބްސަންގެ ބަދަލުގައި މެކްސް ރޮކަޓަންސްކީގެ ރޯލް އަދާކޮށްފައިވަނީ ޓޮމް ހާޑީ އެވެ. މި ފްރެންޗައިޒްގެ ހަވަނަ ފިލްމުވެސް ނެރޭނެކަމަށް ޑައިރެކްޓާ ބުނެފައިވެ އެވެ.

"ފިއުރިއޯސާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މޭ 24، 2024 ގައެވެ.