ފިނިޕޭޖް

"ޑެޑްޕޫލް އާއި ވުލްވަރިން އެކަކު އަނެކަކު ދެކެ ރުޅިއާދޭ"

މާވެލް ސްޓޫޑިއޯގެ "ޑެޑްޕޫލް 3" 2024 ވަނަ އަހަރު ނެރުމަށް ތައްޔާރުވަމުންދާއިރު މި ފިލްމަކީ ޑެޑްޕޫލްގެ އިތުރުން އެކްސް-މެންގެ މިއުޓަންޓް ސުޕަހީރޯ ވުލްވަރިން ވެސް ހިމެނޭ ފިލްމެކެވެ.

މި ފިލްމާ ބެހޭގޮތުން ދަ އެމްޕަޔާ ފިލްމު ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ވުލްވަރީންގެ ރޯލްއަދާކުރާ ހިއު ޖެކްމަން ބުނީ ޑެޑްޕޫލް އާއި ވުލްވަރިން އަކީ މުޅިން އިނދިކޮޅު ދެމީހުން ކަމަށާއި ދެމީހުންވެސް އެކަކު އަނެކަކު ދެކެ ރުޅިއަންނަ ކަމަށެވެ.

ލޯގަލް / ވުލްވަރިން އަކީ ބަސްމަދު، ރުންކުރު އަދި ރުޅިގަދަ ކެރެކްޓާ އެކެވެ. ވޭޑް ވިލްސަން / ޑެޑްޕޫލް އަކީ ސަކަ މިޒާޖުގެ ޖެއްސުން ކުރާ ފަދަ އަނގަގަދަ ކެރެކްޓާ އެކެވެ. އަދި ޑެޑްޕޫލް ކެރެކްޓާ ރަޔާން ރެނޯލްޑްސް ކުޅެފައިވަނީ ވަރަށް ނެޗުރަލްކޮށް، ފުރިހަމަ އަށެވެ.

"ލޯގަންގެ ނަޒަރިއްޔާއިން ބަލާނަމަ ޑެޑްޕޫލްއާ ހެދި ރުޅިގަދަވެ، ފްރަސްޓްރޭޓްވެ. އޭނަޔާ ދުރުގައި އެތައް މިލިއަން މޭލެއްގައި ހުންނަން ބޭނުންވޭ. ނޫނީ ބޮލުގައި ޕަންޗުކުރަން ބޭނުންވޭ. އެހެނަސް މި ފިލްމުގައި މިލިއަން މޭލު ދުރުގައި ނުހުރެވޭނެ. އެހެންވީމަ ބަދަލުގައި އަހަރެން އޭނަ ބޮލުގައި ޕަންޗުކުރާނީ،" ހިއު ޖެކްމަން ބުންޏެވެ.

ހިއު ބުނީ ލޯގަން / ވުލްވަރީންގެ ކެރެކްޓާ އަކީ އޭނާގެ ހަޔާތުގައި ކުޅުނު އަމިއްލަ ސަހްސިއްޔަތާ އެންމެ ދުރު ކެރެކްޓާ ކަމަށާއި ހިއު އަކީ ވަރަށް މަދުން ނޫނީ ރުޅިގަނޑު ނާންނަ މީހެއް ކަމަށެވެ.

އުމުރުން 54 އަހަރުގެ ހިއު ޖެކްމަން އާއި 46 އަހަރުގެ ރަޔާން ރެނޯލްޑްސްގެ ކެރެކްޓާ މި ފިލްމްގައި ރުޅިވީނަމަވެސް، ހަގީގަތުގައި މި ދެ ތަރިންނަކީ ގާތް ރަހްމަތްތެރިންނެވެ.

"ޑެޑްޕޫލް 3" ހަދާ ކަމަށާއި އޭގައި ވުލްވަރިން އުޅޭކަން އެނައުންސްކޮށްފައިވަނީ ޓްވިޓާގައި ހެއްވާ ކްލިޕް އަކުންނެވެ. މި ފިލްމް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 6، 2024 ގައެވެ. އެއީ "ޑެޑްޕޫލް 2" ނިކުތްތާ ހަތަރު އަހަރު ފަހުންނެވެ.