ޓޫރިޒަމް

އެއް ދުވަހެއްގައި 7،621 ފަތުރުވެރިން، މިމަހުގެ ރެކޯޑެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް 7،621 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިމަހުގެ ރެކޯޑެކެވެ. މިއަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު 7،668 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން ޑިސެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1.64 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 26.8 އިންސައްތަ އިތުރުވުމެކެވެ.

އެވަރެޖްކޮށް މިމަހު ކޮންމެ ދުވަހަކު 5،764 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.

އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ގައުމަކީ އިންޑިއާ އެވެ. މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 14.5 ޕަސެންޓަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައިގައި އޮތް ރަޝިއާ އަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ 12 ފަސެންޓް ހިއްސާކުރާ ގައުމެވެ. ފަތުރުވެރިންގެ 10.7 އިންސައްތަ ހިއްސާކުރަނީ އިނގިރޭސިވިލާތެވެ.

ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 1،205 ތަނެއްގައި 59،835 އެނދު އޮޕަރޭޓްކުރެ އެވެ. މީގެތެރޭގައި 168 ރިސޯޓާއި 863 ގެސްޓްހައުސް އާއި 158 ސަފާރީ ހިމެނެ އެވެ. މީގެއިތުރުން 13 ހޮޓަލާއި ހޯމްސްޓޭގެ ގޮތުގައި ތިން ތަނެއް ބޭނުންކުރެ އެވެ.