ޗައިނާ

ޗައިނާ ފަތުރުވެރިން ވަރަށް އަވަހަށް ރާއްޖެ އަންނާނެ: ސަފީރު

ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައި އޮތް ނަމަވެސް ވަރަށް އަވަހަށް ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ލިޒިން ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރަށް އަވަހަށް ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާނެ ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް ޗައިނާ ފަތުރުވެރިންގެ މެދުގައި ރާއްޖެ ވެގެންދާނީ އެންމެ މަގުބޫލު އެއް މަންޒިލަށް ކަމަށެވެ.

ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންގެ އަދަދު ފާއިތުވެދިޔަ ތިން އަހަރުވެސް ވަރަށް މަދު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އަވަސްއަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޑރ. މައުސޫމު ވިދާޅުވީ ޗައިނާ ފަތުރުވެރިން ރާއްޖެ އަންނާނެ ދުވަހެއް ޔަގީންކަމާ އެކު ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި "ޗައިނީސް ނިއު އިޔާ" އާއި ދިމާކޮށް އެ ގައުމުގެ ފަތުރުވެރިންނަށް ދަތުރުކުރަން ފުރުސަތު ލިބި ޗައިނާގެ ފަތުރުވެރިން ޗުއްޓީއަށް ފުރަން ފަށާނެކަމަށް ބެލެވޭ ކަމަށެވެ.

"ޗައިނީސް ނިއު އިޔާ މި ދިމާވަނީ ޖެނުއަރީ މަހުގެ ފަހުކޮޅަށް. އެހެންކަމަށްވާތީ އެހާތަނުގައި ރާއްޖެއަށް ވެސް ދަތުރުތައް ފެށުމުން ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް މިހާރު މިބެލެވެނީ،" ޑރ. މައުސޫމު ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމު ވިދާޅުވި ގޮތުގައި ޗައިނާއާއި ރާއްޖެއާއި ދެމެދު އަލުން ދަތުރުތަށް ފަށައި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށުމުން ފަތުރުވެރިކަމަށް ބޮޑުބަދަލެއް އަންނާނެ އެވެ.

"އަޅުގަނޑުމެންގެ ވެސް އުއްމީދަކީ ވީހާވެސް އަވަހަށް ޗައިނާ ފަތުރުވެރިން އައުން. އެހެންނަމަވެސް ދަތުރުތައް ހުޅުވާލުމަކީ ޗައިނާ ސަރުކާރުން ނިންމަވާ ނިންމެވުމެއް،"ޑރ. މައުސޫމު ކުރިން ވިދާޅުވެފައިވެ އެވެ.

ކޮވިޑުގެ ކުރިން 2017 އަދި 2018 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޗައިނާއިންނެވެ. ޖެހިގެން އައި 2019 ވަނަ އަހަރު 280،000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު 2020 ވަނަ އަހަރު ކޮވިޑުގެ ސަބަބުން މި އަދަދު ވަނީ 87 އިންސައްތަ ދަށަށް ގޮސްފަ އެވެ. 2020 ވަނަ އަހަރު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ގާތްގަނޑަކަށް 35،000 ޗައިނާ ފަތުރުވެރިންނެވެ.