ޓޫރިޒަމް

ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައަށް ޗައިނާ

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައަށް ޗައިނާ އަރައިފި އެވެ.

އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު މާކެޓްގެ ތިންވަނައަށް އެރި ޗައިނާއިން އަހަރުގެ ފުރަތަމަ ހަތަރު ހަފުތާ ތެރޭގައި 16،529 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 174،400 ފަތުރުވެރިންގެ 9.5 ޕަސަންޓެވެ. އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11.9 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާ އިންނެވެ. އެ ގައުމުން 18،561 ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިޓަލީވިލާތުން 18،111 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އިނގިރޭސިވިލާތުން 14،588 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިންޑިއާއިން 13،989 ފަތުރުވެރިން އަދި ޖަރުމަނުން 10،652 ފަތުރުވެރިން މިއަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

އެމެރިކާއިން އަހަރުގެ މިހާތަނަށް 6،299 ފަތުރުވެރިން ޒިޔާރަތްކުރިއިރު ފްރާންސުން 6،168 ފަތުރުވެރިން، ޕޮލެންޑުން 5،109 ފަތުރުވެރިން އަދި ސްވިޓްޒަލޭންޑުން 3،330 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.