ގދ. ވާދޫ ކައުންސިލް ރައީސްއަށް އިތުބާރު ނެތް ކަމަށް ބުނެ ކައުންސިލް ރައީސް މަގާމުން ވަކިކުރަން ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއްގައި ސޮއިކޮށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.
އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފަށް އެޑްރެސްކޮށް މި ޕެޓިޝަން ހުށަހަޅާފައިވަނީ އާންމު ރައްޔިތުންނާއި ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުން ރަށު ކައުންސިލަރުން ހިމެނޭހެން 449 މީހުންގެ ސޮޔާއެކު އެވެ. މި މަހުގެ 25 ވަނަ ދުވަހު މި ޕެޓިޝަން ހުށަހަޅާފައިވާއިރު ޕެޓިޝަނާއެކު ރަށު ރައްޔިތުންގެ ފަރާތުން ސިޓީއެއް އަފްޝަން ލަތީފަށް ހުށަހަޅާފައިވެ އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ގދ. ވާދޫ ކައުންސިލް މެމްބަރު މުހައްމަދު ޝިފާގު ވިދާޅުވީ މިހާރު ކައުންސިލް ރައީސާ އެކު މަސައްކަތް ކުރާނެ އެއްވެސް މުވައްޒަފަކު ނެތް ކަމަށެވެ. އަދި ކައުންސިލް ރައީސްގެ ސަބަބުން ސަރުކާރުގެ ފަރާތުން ރަށަށް ލިބެންޖެހޭ އެއްވެސް އެހީއެއްވެސް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"ކައުންސިލް ރައީސްގެ ސަބަބުން ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްވެސް ހައްގެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ލިބެންޖެހޭ އެއްޗެއް ލިބޭނީވެސް މީހުންނާ ވާހަކަ ދައްކައިގެންތާ. އެކަމަކު ރައީސް ބޭނުމެއް ނުވާނެ އެއްވެސް މީހަކާ ވާހަކަ ދައްކާކަށް،" ޝިފާގު ވިދާޅުވި އެވެ.
ވާދޫގެ ރައްޔިތުންގެ ފަރާތުން އެލްޖީއޭއަށް ފޮނުވި ސިޓީގައިވެސް ކައުންސިލް ރައީސްގެ ފަރާތުން ފެންނަމުންދާ ނޭއްގާނީ ކަންތައް ފާހަގަކޮށްފައި ވެއެވެ. މިގޮތުން މުވައްޒަފުންނަށް ބިރުދެއްކުމާ، ރަށު ރައްޔިތުން އެއްވާ ތަންތަނުގައި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ބަދު ބަސް ބުނެ ބަދުނާމުކޮށް މުވައްޒަފުންނަށް އިންޒާރު ދިނުމުގެ އިތުރުން ކައުންސިލް އިދާރާ ތެރޭގައި ހަޑިހުތުރު ބަހުން މުއާމަލާތްކުރުން ހިމެނެ އެވެ.
މިސިޓީގައި ކައުންސިލް ރައީސްގެ އަމަލުތަކުގެ ސަބަބުން ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާ ސިވިލް ސާވިސް މުވައްޒަފުންނަށް ނަފްސާނީ ގޮތުން ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ކައުންސިލް ރައީސް ދައުލަތުގެ ވަޒީރުންނާއެކު ބާއްވާ ބައްދަލުވުންތަކުގައިވެސް އިންޒާރު ދިނުމާއި ސަރުކާރުގެ ކުންފުނިތަކުން ރަށުގައި ހިންގަމުންދާ މަޝްރޫއުތަކަށް އެތައް ފަހަރެއްގެ މަތިން ހުރަސްއަޅާނެ ކަމަށް ބުނެ މިހާރުވެސް އެކަން ކުރަމުން ގެންދާކަންވެސް ފާހަގަކޮށްފައިވެ އެވެ.
މިސިޓީގައި ކައުންސިލް ރައީސްގެ އަމަލުތައް ހުރިގޮތުން ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް ޔަގީންކުރެވޭތީ ގާނޫނީ ގޮތުން އެލްޖީއޭއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ މަގާމުން ވަކިކޮށްދެއްވުމަށްވެސް އެދިފައިވެ އެވެ.