ފިނިޕޭޖް

އުފަލަކީ އާއިލާއާއެކު އުޅުން: ރީޓާ ވިލްސަން

އުމުރުން 66 އަހަރުގެ ރީޓާ ވިލްސަން އަކީ ހުނަރުވެރި ތަރިއެކެވެ. އެކްޓްރެސްއެއް، ލަވަ ކިއުންތެރިއެއް، ޕްރޮޑިއުސަރެއްގެ އިތުރުން އަނބެއް، މަންމައެއް، ދޮން މަންމައެއް، މާމައެއް އަދި ދޮން މާމަ އެކެވެ.

މި ހުރިހާ ރޯލް ރީޓާ އަދާކުރަނީ ވަރަށް ފުރިހަމައަށް، ފިރިމީހާ އެކްޓަރު އަދި ޕްރޮޑިއުސަރު ޓޮމް ހޭންކްސްގެ އެހީތެރިކަމާ އެކުގަ އެވެ.

ޓޮމް ހޭންކްސް ރީޓާއަށް ވުރެ ކުރިން ކައިވެންޏެއްކޮށް، ދެ ދަރިން ލިބިފައިވާއިރު، ރީޓާ އާއި ޓޮމްގެ 35 އަހަރުވީ ކައިވެންޏަށް ދެ ދަރިން ލިބިފައިވެ އެވެ.

ރީޓާ ބުނީ އޭނާގެ ކުދިން ކުޑައިރު ކެރިއާ މަޑުޖައްސާލައި، މަދު ޕްރޮޖެކްޓްސް ތަކެއްގައި މަސައްކަތް ކުރި ކަމަށެވެ.

ރީޓާ ބުނީ އޭނާ ބޭނުންވީ އެ ކުދިން ސްކޫލުން އަންނައިރު ގޭގައި ހުންނަ މަންމައަކަށް ވުމަށާއި އާންމުކޮށް މަންމައިން ކުރާ ކަންތައްތައް ކުރުމަށެވެ. އަދި ޕްރޮޖެކްޓްތަކަށް ޓޮމް ދަތުރުކުރާއިރު، ޓޮމްއާ އެކު ކުދިންނާއި ރީޓާވެސް ދަތުރުކުރާމަށާއި ދެމީހުން މަސައްކަތްކުރާނަމަ، ކުދިންނަށް އޭގެ އަސަރު ކުރާ ކަމަށެވެ. އަދި އޭނާގެ ކެރިއަރު މަޑުޖައްސާލުމަކީ ގުރްބާނީއެއް ނޫން ކަމަށާއި އެއީ އޭނާގެ ނިންމުމެއް ކަމަށް ބުންޏެވެ.

ޓޮމްގެ ކެރިއާ ކުރިއަރަމުން ދިޔައިރު، ޓޮމްގެ ކާމިޔާބީތަކާ މެދު ރީޓާ އުފާވުން ނޫން އިހްސާސެއް ނުކުރާ ކަމަށާއި ދެމަފިރިންވެސް އެކަކު އަނެކަކަށް އަބަދުވެސް ސަޕޯޓް ކުރާ ކަމަށެވެ.

އުފާވެރިކަން ރީޓާ ސިފަކުރަނީ އާއިލާއާ އެކު އުޅުމާއި އެންމެންވެސް އެންމެ ލޯބިކުރާ މަސައްކަތުގެ ތެރޭގައި އުޅެވުމެވެ. އަދި އުފާވެރިކަމާއި އެއްހަމައެއްގައި އެކަމަށް ޝުކުރުއަދާކުރުން ހިމެނޭ ކަމަށްވެސް ރީޓާ ބުންޏެވެ.