މި ސަރުކާރުގެ ދެ ވަޒީރެއްގެ ޒާތީ ފޮޓޯތަކެއް ކަމަށް ބެލެވޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިމަހުގެ ތެރޭގައި ވަނީ އާންމުވެފަ އެވެ. މި ފޮޓޯތައް އާންމުވުމާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް ދެ ވަޒީރުންނަށާއި ސަރުކާރަށް އަމާޒުވި އެވެ. ނަމަވެސް މިހާތަނަށް ވަޒީރުންވެސް އަދި ސަރުކާރުން ވެސް އެކަމުގައި ބަހެއް ނުބުނެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުންގެ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކާބ ގުޅިގެން ރައީސް އަމަލުކުރެއްވީ ކިހިނެތްތޯ އަވަސް އިން ސުވާލުކުރި އެވެ. މިސުވާލާ އެކު ބަސް ހުއްޓިވަޑައިގެން އިރުކޮޅަކަށް ރައީސް ހަނު ހުންނެވީ އެވެ. އެއަށްފަހު ނޫސްވެރިޔާއަށް އިޝާރާތް ކުރައްވާ އެއީ އަސްލު ފޮޓޯތަކެއްކަން ޔަގީން ކުރެއްވޭތޯ ރައީސް އެއްސެވި އެވެ.
ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި ވަރަށް ތަފާތު ފޮޓޯތައް ހާމަވާ ކަމަށާއި އެއީ ސައްހަ ފޮޓޯތަކެއްތޯ ނުބައްލަވާ މީހަަކަށް ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ. އެ ފޮޓޯތަކުގެ ސައްހަކަން ދެނެގަތުމަށް ރައީސް އެއްވެސް ކަމެއް ކުރެއްވި ކަމަކަށް ވިދާޅުވެފައެއް ނުވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހަށް ވެސް ބޮޑެތި ތުހުމަތެއް ކުރައްވާ ރައީސް ސޯލިހްގެ "ބަދުއަހްލާގީ" ހަތަރު ފޮޓޯގަނޑު ނަޝީދުގެ އަތްޕުޅުގައި އޮތް ކަމަށް ވިދާޅުވެފަ އެވެ. އެ ހަތަރު ފޮޓޯގަނޑާ ގުޅޭގޮތުން މީގެކުރިން ރައީސް ސޯލިހް ވިދާޅުވި ގޮތަށް މިއަދުވެސް ވިދާޅުވީ އެމަނިކުފާނާ ގުޅޭ އެފަދަ ފޮޓޯއެއް ނުހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސްގެ ފޮޓޯތަކާ ގުޅޭގޮތުން އެހެން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވަނީ އެމަނިކުފާނު "ކޮމްޕްރޮމައިޒްވާ" ފޮޓޯއެއް އެއްވެސް މީހަކު އަތުގައި ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ޔަގީންކަން މިއަރުވަނީ އަނެއްކާވެސް އަޅުގަނޑު ކޮމްޕްރޮމައިޒްވާ އަދި ތިކަހަލަ އެއްވެސް ފޮޓޯއެއް، ނުހުންނާނެ ކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާ ކަމަށްވާއިރު ރައީސް ނަޝީދު ކުރެއްވި ބޮޑު ތުހުމަތާ ގުޅިގެން އެ މަނިކުފާނުގެ މައްސަލަ ފުލުހުންނަށް ހުށަަހަޅައިގެން ތަހުގީގު ނުކުރައްވަނީ ކީއްވެގެންތޯ ނޫސްވެރިން ތަކުރާރުކޮށް އެއްސެވުމުން ވެސް ނަޝީދުގެ މައްސަލަ ތަހުގީގަކަށް ގެންދިއުމާ ގުޅޭގޮތުން ރައީސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ވަޒީރުންގެ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކާ ގުޅިގެން ތުހުމަތު އަމާޒުވާ ވަޒީރުންވެސް ފޮޓޯތަކާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.