ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރާނަން"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ މިވަގުތު އެމަނިކުފާނުގެ އަމާޒު ހުރީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރުމަށް ކަމަށާއި އަދި ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ފުރަތަމަ އަޅުގަނޑު ކަށަވަރު ކުރަން ޖެހޭނީ ކެންޑިޑެންސީ ދެއްތޯ. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން އަޅުގަނޑު ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ކޯލިޝަނެއް ހެދުމުގެ މަސައްކަތް ފަށާނެ ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވެމުންދާ ގޮތަށް ބަލާފައި ކޯލިޝަންގައި މިވަގުތު ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތާއީދު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިވަގުތު ކޯލިޝަނުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ވަކިވަކި ސިޔާސީ ބޭފުޅުންގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން މިހާރުވެސް އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެވެ. ރައީސް ވިދާޅުވީ ރައީސް ނަޝީދު ވެރިކަން ބޭނުން ނުވާ ކަމަށާއި ނަޝީދު ބޭނުންވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްފަހު ބޮޑު ވަޒީރު ކަމުގެ މަގާމު ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ މި ދައުރުގައި ވެރިކަމުގެ ނިޒާމު ބަދަލު ނުވާނެ ކަމަށާއި އެކަން ކުރެވެން އޮތީ ކޯލިޝަންގެ ޕާޓީތަކާއެކު މަޝްވަރާ ކުރެވިގެން ކަމަށެވެ. އަދި އެއީ ކޯލިޝަންގެ މެނިފެސްޓޯގައި އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ވެރިކަމަށް ހަތަރު އަހަރުވެފައިވާ އިރު މިހާތަނަށް ސަރުކާރުން ކޮށްފައިވާ ކަންކަން ރައްޔިތުން ބަލައިގަންނަ ކަމަށާއި ރައްޔިތުންގެ ތާއީދު ލިބޭނެ ކަމުގައިވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.