ފިނިޕޭޖް

މޭގަން ފޮކްސް އާއި މިޝޭލް މޮރޯން ފިލްމެއް ކުޅެނީ

"ޓްރާންސްފޯމާސް"ގެ މޭގަން ފޮކްސް އާއި "365 ޑޭޒް"ގެ މިޝޭލް މޮރޯން ފިލްމެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

މި ދެ ތަރިން އެކުގައި ފެންނާނީ މިލޭނިއަމް މީޑިއާގެ ސައި-ފައި ތްރިލާއެއް ކަމުގައިވާ "ސަބްސާވިއަންސް" އިންނެވެ.

މި ފިލްމްގެ ޑައިރެކްޓަރަކީ އެސްކޭ ޑޭލް އެވެ. އަދި ސްކްރިޕްޓް ލިޔާނީ ވިލް ހޯންލީ އާއި އޭޕްރިލް މެގުއަ އެވެ.

މޭގަން ފޮކްސް ވަނީ އެސްކޭ ޑޭލްއާ އެކު "ޓިލް ޑެތް" ގައިވެސް މަސައްކަތްކޮށްފަ އެވެ.

"ސަބްސާވިއަންސް"ގައި މިޝޭލް މޮރޯންގެ ކެރެކްޓާ އަކީ ސްޓަރަގަލް ކުރާ ބައްޕަ އެކެވެ. އަދި ގޭތެރޭގެ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމުގެ ގޮތުން ޑޮމެސްޓިކް ސިމް (މޭގަން) ގަނެ އެވެ.

މި ސިމްއަށް ކަންތައްތައް އެނގި ނުރައްކާތެރިވެ އެވެ. މި ފިލްމުން މޭގަންގެ މުޅިން އެހެން ފަރާތެއް ފެންނާނެ ކަމަށް މިލޭނިއަމް މީޑިއާ އިން ބުންޏެވެ.

"ސަބްސާވިއަންސް"ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ހަތެއްގައި ބަލްގޭރިއާގެ ނޫ ބޮޔާނާ ސްޓޫޑިއޯގަ އެވެ.

މޭގަންގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ޓީނޭޖް މިއުޓަންޓް ނިންޖާ ޓާޓްލްސް"، "ޖެނިފާސް ބޮޑީ"، ބިގް ގޯލްޑް ބްރިކް"، "ގުޑް މޯނިން" ހިމެނެ އެވެ. އަދި ކުރިއަށް އޮތް ޕްރޮޖެކްޓްތަކުގެ ތެރޭގައި އެލިއަޓް ޕޭޖް، ޖެރާޑް ބަޓްލާ އާއި ކޭޓް ވިންސްލެޓްއާ އެކު ކުޅުނު "ނާޔާ ލެޖެންޑް އޮފް ދަ ގޯލްޑަން ޑޯލްފިން" އާއި ސިލްވެސްޓާ ސްޓެލޯން އާއި ޖޭސަން ސްޓޭތަމްއާ އެކު "ދި އެކްސްޕެންޑަބަލްސް 4" ހިމެނެ އެވެ.

މިޝޭލްގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "365 ޑޭޒް"ގެ ތިން ފިލްމްގެ އިތުރުން "ޑުއެޓޯ"، "ދަ ޓްރަޔަލް" އަދި ޓީވީ ސީރީޒް ހިމެނެ އެވެ. މީގެ އިތުރުން މިޝޭލް އަކީ ބީޗްވެއާ އުފައްދާ ކުންފުނި "އޯރަމްރޯމާ"ގެ ވެރިފަރާތެވެ.