ޖޭމްސް ކެމެރަންގެ "އެވެޓާ"ގެ ސިކުއެލް "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަށް 14 ދުވަސް ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުން އެއް ބިލިއަން ޑޮލަރު ލިބިއްޖެ އެވެ.
ދަ ހޮލީވުޑް ރިޕޯޓާއިން ބުނި ގޮތުގައި "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އިން މިކާމިޔާބީ ހޯދާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
މި ފިލްމަކީ ދެ ހަފްތާ ތެރޭގައި މި އަމާޒަށް ވާސިލްވި ހަވަނަ ފިލްމެވެ. އެންމެ ފަހުން މި އަމާޒު ހާސިލްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ނެރުނު "ސްޕައިޑާމޭން: ނޯވޭ ހޯމް" އެވެ.
ޑިޒްނީ އާއި 20ތް ސެންޗުރީ އިން ޕްރޮޑިއުސްކުރި މި ފިލްމު އެމެރިކާ އިން ބޭރުގައި އެންމެ ބޮޑަށް ހިނގަނީ ޗައިނާގަ އެވެ.
އާންމު ގޮތެއްގައި އާ އަހަރާ ދިމާކޮށް ރިލީޒްކުރާ ފިލްމުތަކަށް ބޮޑެތި ކާމިޔާބީތަކެއް ލިބޭ ކަން ބައެއް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.
"އެވެޓާ: ދަ ވޭ އޮފް ވޯޓާ" ޕްރޮމޯޓްކުރިއިރު ޖޭމްސް ކެމެރަން ބުނީ މި ފިލްމަކީ ކާމިޔާބީއެއް ކަމަށް ބެލެވޭނީ ދެ ބިލިއަން ޑޮލަރު ލިބުމުން ކަމަށެވެ. ސަބަބަކީ މާކެޓިންއާ ނުލައި މި ފިލްމް ހެދުމަށް 350-400 މިލިއަނާ ދެމެދުގެ އަދަދެއް ހޭދަވުމެވެ. މީގެ 13 އަހަރު ކުރިން ނެރުނު މި ފިލްމްގެ ފުރަތަމަ ބަޔަށް ރީ-ރިލީޒްތަކާއެކު މުޅި ދުނިޔޭގެ ޓިކެޓް ސޭލްސްއިން ވަނީ 2.9 ބިލިއަން ޑޮލަރު ލިބިފަ އެވެ.