ކުޅިވަރު

ސިޓީ އިން ފަރަގު ކުޑަކޮށްފި، ހާލަންޑަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް އެއްވަނައިގައިވާ އާސެނަލާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

އެއްވަނައިގައި އާސެނަލް އޮތީ 40 ޕޮއިންޓާ އެކު އެވެ. ސިޓީ އިން މިހާރު ވަނީ 35 ޕޮއިންޓް ހޯދައި ދެވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ރޭގެ މެޗަށް ސިޓީ ނުކުތްއިރު ދެވަނައިގައި އޮތީ 33 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ލީގުގެ ހަތަރު ވަނައިގައި 30 ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 29 ޕޮއިންޓެވެ.

ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ރޮޑްރީ އެވެ. ދެވަނަ ހާފުގައި ސިޓީގެ އަނެއް ދެ ގޯލު ޖެހީ އާލިން ބްރައުޓް ހާލަންޑެވެ. 51 ވަނަ މިނެޓާއި 64 ވަނަ މިނެޓުގައި ހާލަންޑް ދެ ގޯލު ވެސް ޖެހީ ޖެކް ގްރީލިޝްގެ އެހީގަ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ލީޑްސް އިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ބޮލުން މި ގޯލު ޖެހީ ޕަސްކާލް ސްޓްރުޖް އެވެ.

ރޭގެ ދެ ގޯލާ އެކު ހާލަންޑް މިހާރު ވަނީ 14 މެޗުގައި ލީގު 20 ގޯލު ހަމަކޮށްފަ އެވެ. ހާލަންޑް ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ މަދު މެޗު ކުޅެގެން 20 ގޯލު ހަމަކުރި ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 20-1999 ވަނަ ސީޒަނުގައި ސަންޑަލެންޑަށް ކުޅުނު ކެވިން ފިލިޕްސް އަތުގަ އެވެ.

މެޗަށް ފަހު ހާލަންޑް ބުނީ އޭނާ އަށް އިތުރު ދެ ގޯލު ޖެހުނީސް ކަމަށާއި، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އިތުރަށް ޕްރެކްޓިސް ކުރާނެ ކަމަށެވެ.

ހާލަންޑް ވަނީ ހުރިހާ މުބާރާތެއްގައި މި ސީޒަނުގައި ކުޅުނު 20 މެޗުގައި 26 ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި ދެ ގޯލު ޖެހިފަހުން ހެޓްރިކް ހަދަން ވެސް ހާލަންޑަށް ފުރުސަތު ލިބުނެވެ.
ރޭގެ މެޗު ހާލަންޑަށް ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ އޭނާގެ އުފަން ސިޓީގެ ޓީމާ ދެކޮޅަށް ގޯލު ޖެހުމެވެ. ނޯވޭ އަށް ނިސްބަތްވި ނަމަވެސް ހާލަންޑް އުފަންވީ ލީޑްސް އަށެވެ. އޭރު އޭނާގެ ބައްޕަ އަކީ ކުރިން ލީޑްސް ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިއެކެވެ. ރޭގެ މެޗު ބަލަން ހާލަންޑުގެ ބައްޕަ ދަނޑުގައި އިނެވެ.

"ބައްޕަ މެޗު ބަލަން އިނުމަކީ މެޗު އިތުރަށް ހާއްސަވި ކަމެއް. އަހަރެން ވަރަށް އުފާވެއްޖެ. މިއީ ކެރިއަރުގަ ވަރަށް ހާއްސަ ވަގުތެއް. މެންޗެސްޓާ ސިޓީގެ ޖާޒީގައި ލީޑްސް ކޮޅަށް ލަނޑު ޖެހުމަކީ ވަރަށް އާދަޔާހިލާފު އިހުސާސެއް" މެޗަށް ފަހު ހާލަންޑް ބުންޏެވެ.