ކުޅިވަރު

މެސީ އެއް ނޭމާ އެއް ނޫން، ޕީއެސްޖީ މޮޅުކޮށްދިނީ އެމްބާޕޭ

ވޯލްޑް ކަޕް ބްރޭކަށް ފަހު ޕީއެސްޖީ ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކިލިއަން އެމްބާޕޭ ފަހު ވަގުތު ވައްދާލި ޕެނަލްޓީއާ އެކު ޕީއެސްޖީ އިން 2-1 އިން ސްޓްރޯސްބާގް ބަލިކޮށްފި އެވެ.

ޕީއެސްޖީގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ލިއޮނެލް މެސީ އާއި ނޭމާ އަދި އެމްބާޕޭ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. މިދިޔަ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާއާ އެކު ހޯދުމަށް ފަހު މެސީ އަދި ހުރީ ޗުއްޓީގަ އެވެ. އެހެންވެ ރޭގެ މެޗުގައި މެސީ ކުޅެފައެއްނުވެ އެވެ. ނޭމާގެ ބްރެޒިލް ވޯލްޑް ކަޕުން ކެޓީ ކުއާޓާ ފައިނަލުންނެވެ. ވޯލްޑް ކަޕް ފައިނަލުގައި އެމްބާޕޭ އާޖެންޓީނާ ކޮޅަށް ހެޓްރިކް ހެދި ނަމަވެސް ޗެމްޕިއަންކަން ލިބޭގޮތެއްނުވި އެވެ.

މެސީ ޕީއެސްޖީގެ ޓީމާ ގުޅޭނެ ކަމަށް ބެލެވެނީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. މެސީ ނެތަސް ރޭގެ މެޗުގައި ނޭމާ އާއި އެމްބާޕޭ ކުޅުނެވެ. އެކަމަކު ނޭމާ އަށް ވަނީ މެޗުގެ 63 ވަނަ މިނެޓުގައި ރަތް ކާޑު ދައްކައިފަ އެވެ. ނޭމާ އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ ޕެނަލްޓީ ހޯދުމަށް އޭރިޔާ ތެރެއަށް ޑައިވް ކުރުމުންނެވެ. ރަތް ކާޑު ދެއްކުމުން ނޭމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު 14 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސް އެވެ. އެކަމަކު 51 ވަނަ މިނެޓުގައި މާކީނިއޯސް އަތުން ބައިކޮޅަށް ވަން ގޯލާ އެކު ނަތީޖާ ހަމަހަމަވި އެވެ.

ޕީއެސްޖީ މޮޅުވި ގޯލު އެމްބާޕޭ ޕެނަލްޓީއަކުން ޖެހީ 94 ވަނަ މިނެޓުގަ އެވެ. އަމިއްލަ ދަނޑުގައި ހޯދި މުހިއްމު މޮޅާ އެކު އެމްބާޕޭ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ޕީއެސްޖީ އަށް ޕެނަލްޓީ ލިބުނީ ސްޓްރޯސްބާގްގެ ގާޒީނޯ ޔަމްސީ އެމްބާޕޭ އަށް ކުރި ފައުލަކަށެވެ.

މޮޅާ އެކު ޕީއެސްޖީ ވަނީ އެއްވަނައިގެ ލީޑު އަށް ޕޮއިންޓަށް ފުޅާކޮށްފަ އެވެ. އެޓީމު އެއްވަނައިގައި އޮތީ 16 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލެންސް އަށް 15 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. ޕީއެސްޖީ އަތުން ބަލިވި ސްޓްރޯސްބާގް އޮތީ 19 ވަނައިގަ އެވެ. އެޓީމަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.