އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވެނީ 56،164 މީހުންނަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދަފްތަރު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިިފި އެވެ.

އެ ޕާޓީން އާންމު ކުރި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓުގައި ހިމެނެނީ 56،164 މީހުންނެވެ. ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށްޓަކައި ބޭއްވި އިންތިހާބުގައި 94،211 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބުނެވެ. އަދި 48،107 މީހުން އެ އިންތިހާބުގައި ވޯޓުލި އެވެ.

އެމްޑީޕީގެ ދަފްތަރުން 39،910 މީހުން ވަކި ކޮށްފައިވާއިރު، އެ މީހުންނަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ އެމްޑީޕީގެ ދަފްތަރުގައި ނެތް މީހުން ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފްތަރުން އުނިކުރި މެމްބަރުންގެ ތެރޭގައި:

  • ޕީޕީއެމް - 6،357 މެންބަރުން
  • ޖޭޕީ - 3،788 މެންބަރުން
  • އެމްޓީޑީ - 1،543 މެންބަރުން،
  • އެމްޑީއޭ - 3،086 މެންބަރުން
  • އެމްއާރްއެމް - 928 މެންބަރުން
  • އާދަލަތު ޕާޓީ - 1،711 މެމްބަރުން
  • ކޮންގްރެސް ޕާޓީ - 58 މެމްބަރުން
  • އެމްއެސްޑީޕީ - 875 މެމްބަރުން
  • ޑީއާރްޕީ - 389 މެެމްބަރުން
  • އެމްއެންޕީ - 3،845 މެމްބަރުން
  • ޕީއެންސީ - 698 މެމްބަރުން

މީގެ އިތުރުން އެމްޑީޕީން ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް ޝަކުވާ ބަލައި ކޮމިޓީއެއް އެކުލާވާލައި ރިޔާސީ ޕްރައިމަރީ އާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ހުލުވާލާފަ އެެވެ.

މިގޮތުން މިހާރު އާންމުކޮށްފައި މިވާ ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.