ހަބަރު

ޕީޕީއެމް ނައިފަރު ގޮފިން ހުޅުމާލޭގައި ގަސް އިންދައިފި

ޕްރޮގްރެސިޕް ޕާޓީ އޮފް ޕީޕީއެމް (ޕީޕީއެމް) ނައިފަރު ގޮފިން އިސްނަގައިގެން ހުޅުމާލޭގެ ފޭސް 2 ގެ ދަށުން ހިއްކާފައިވާ ސަރަހައްދުގައި 150 ގަސް އިންދައިފި އެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އެމްއާރްޑީސީ އާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި އެރަށު ކައުންސިލް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޝިޔާމް ވިދާޅުވީ މިހަރަކާތަކީ ޕީޕީއެމުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި "އުއްމީދީ 16" ޖަލްސާއަށް އެ ރަށުން ވަޑައިގެން ޕީޕީއެމް މެމްބަރުން މާލޭގައި އިޖްތިމާއީ ހަރަކާތެއް ކުރިއަށް ގެންދަން ބޭނުންވެގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

"ޕީޕީއެމް ނައިފަރު ގޮތްޕަކީ ނައިފަރުގައި ވެސް އިޖުތިމާއީ އެތައް ހަރަކާތެއް ކުރިއަށްގެންދާ ގޮތްޕެއް. ޖަލްސާއަށް މާލެ އައިސް މެމްބަރުން ބޭނުންވީ ކޮންމެސް ކަމެއް ކުރަން. އެގޮތުން މެމްބަރުންނަށް ފެނުނު އެންމެ ރަނގަޅު ކަމަކަށްވީ ހުޅުމާލޭގައި އަލަށް ހިއްކާފައި މިއޮތް ސަރަހައްދުގައި ގަސް އިންދަން. އެއީ މި ފޭސް އަކީ ދާއިމީކޮށް ފެހި ކުރަންޖެހޭނެ ފޭސް އަކަށް ވީމައި" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ނައިފަރު ޕީޕީއެމް ގޮފިން ހުޅުމާލެ ފޭސް 2 ގައި އިންދި ހުރިހާ ގަހެއް ވެސް ގެނެސްފައިވަނީ ނައިފަރުން ކަމަށެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލެ ފޭސް 2 ގައި ގަސް އިންދުމަށް ގިނަ ފަރާތްތަކަށް ދައުވަތު އަރުވާފައިވާނެ ކަމަށާއި އަދި ކުންފުނިތަކުން އަމިއްލަ އަށްވެސް ރިކުއެސްޓް ފޮނުވަމުންދާ ކަމަށެވެ.

މިހާތަނަށް ސަރުކާރުގެ އެކި އެކި އިދާރާތަކުން އެފޭސްގައި ގަސް އިންދާފައިވެ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، އެޗްޑީސީ، އެސްޓީއޯ، މޯލްޑިވްސް ވޯޓަރ ސާވެޖް ކޮމްޕެނީ، އެއާޕޯޓް ކޮމްޕެނީ، މޯލްޑިވްސް އެސޯސިއޭޝަން ކޮންސްޓްރަކްޝަން އިންދަސްޓްރީ، މޯލްޑިވްސް ކަސްޓަމްސް، ފުލުހުން، އަދި ބައެއް މިނިސްޓްރީތައް ހިމެނެ އެވެ.