ޕީޕީއެމް

ޝުޖާއުއަށް މަރުގެ އިންޒާރެއް ދިން މައްސަލަ ބަލަން ގޮވާލައިފި

މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީ ގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު އަށް ޓްވިޓާ އެކައުންޓެއް މެދުވެރިކޮށް މަރުގެ އިންޒާރު ދީފައިވާތީ، އެ މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބެލުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޝުޖާއު އަށް ޓްވިޓާ އެކައުންޓެއް މެދުވެރިކޮށް ދީފައިވާ މަރުގެ އިންޒާރާ މެދު ކަންބޮޑުވާ ކަމަށެވެ. މިބަޔާނުގައި ވަނީ ވީއެންމެ އަވަހަށް މި މައްސަލަ ބަލައި، އެ ޓްވިޓާ އެކައުންޓުގެ ވެރިފަރާތް ހޯދުމަށްފަހު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.

ކައުންސިލަރު ޝުޖާއުއަށް މަރުގެ އިންޒާރު ދިން ޓްވިޓާ އެކައުންޓަކީ "މުޒްޑް909"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެކެވެ. އަދި އެ އެކައުންޓުން ޝުޖާއުއަށް ޓެގްކޮށް މިއަދު ކުރި ޓްވީޓެއްގައި ވަނީ ޝުޖާއުއަށް ވަޅިން ހަމަލާ ދޭނެ ކަމަށް ބުނެފަ އެވެ.

މި މައްސަލައާއި ގުޅިގެން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކޯލިޝަނުގެ އިސް ސަފުގައި މަސައްކަތް ކުރާ ބޭފުޅުންނަށް އެކި ގޮތްގޮތަށް ދިމާކޮށް ފުރައްސާރަކޮށް އަދި ބިރުދައްކާ މަރުގެ އިންޒާރުތައްވެސް އެކި ފަހަރުމަތިން ދެމުން އަންނަ ކަމަށެވެ. މިގޮތުން ސަރުކާރުން މިފަދަ މައްސަލަތައް ސީރިއަސް މައްސަލައިގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މިފަދަ އިންޒާރުތަކުގެ ސަބަބުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ދިވެހި ރައްޔިތުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެ އެވެ. އަދި ސަރުކާރަށާއި އެމްޑީޕީއަށް އެފަދައިން ހީވާނަަމަ އެއީ ކުށްހީއެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ކިތަންމެ ވަރަކަށް ބިރު ދައްކާ އިންޒާރު ދިން ނަމަވެސް މި ކޯލިޝަނުގެ ލީޑާޝިޕާއި އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި ދިވެހި ރައްޔިތުން ތިއްބެވީ ދޫދޭ ގޮތަކަށް ނޫން،" ބަޔާނުގައިވެ އެވެ.

މާލޭގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ. އެ ރޭ އިން ފެށިގެން ޕީޕީއެމް-ޕީއެންސީ އިން އަންނަނީ ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.