މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކަައުންސިލަރުން މިއަދު ހުވާ ކުރާއިރު މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުމަށް މިއަދު ވޯޓް ނަގަން ހަމަޖެހިފައެއް ނުވެއެވެ.
އެހެން އިންތިހާބުތަކާއި ހިލާފަށް މިދިޔަ އިންތިހާބުގައި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކޮށްފައިވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުން އަދި ޑެޕިއުޓީ މޭޔަރުން އިންތިހާބު ކުރާނީ އިންތިހާބުގެ ކައުންސިލަރުންގެ މެދުގައި ކައުންސިލަރުންގެ ބައްދަލްވުމުގައެވެ.
އެކަން އޮންނަނީ ހުވާ ކުރެއްވުމަށް ފަހު ބާއްވަވާ ފުރަތަމަ ބައްދަލްވުމުގައެވެ. ނަމަވެސް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްކުރަން ޖެހިފައިވަނީ ހުރިހާ ކައުންސިލަރުން މާލޭގައި ނެތުމުންނެވެ. ބައެއް ކަައުންސިލަރުން ތިއްބެވީ ރާއްޖެއިން ބޭރުގައެވެ. އަދި މިއަދު ހުވާ ކުރުން މިއަދު ކުރިއަށް ގެންދާނީ އޮންލައިން ކޮށެވެ.
ގާނޫނު ބުނާ ގޮތުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ނައިބު ހޮވާނީ ހުރިހާ މެންބަރުން ބައިވެރިވާ ބައްދަލްވުމެެއްގައި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އިންތިހާބީ ކައުންސިލަރަކު ވިދާޅުވީ އެ ބައްދަލްވުން އޮންނާނީ ފަހުގެ ތާރީހެއްގައި ހުރިހާ ކައުންސިލަރުން މާލޭގައި ތިބޭ ދުވަހެއްގައި ކަމަށެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްވެފައިވާއިރު މާލޭގެ މެޖޯރިޓީ އޮތް އިދިކޮޅު ޕީޕީއެމްގެ މެންބަރުންގެ މެދުގައި ވަރުގަދަ ވާދަވެރި ކަމެއް އެބައޮތެވެ. ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ނަރީޝްވެސް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއުއަށް ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބޮޑު ތާއީދެއް އެބައޮތެވެ. ނަމަވެސް ނަހުލާ އާއި ނަރީޝް ޑެޕިއުޓީ މޭޔަރު ކަމަށް ގެނައުމަށް ތާއީދު ކުރައްވާ ބޭފުޅުންވެސް ލީޑާޝިޕްގައި އެބަތިއްބެވިއެވެ.
ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ތެރެއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުން ކަނޑައެޅުމާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުން ކަނޑައެޅުމުގައި އަމަލު ކުރަންވީ ގޮތް ޕީޕީއެމުން ވަނީ އެ ޕާޓީގެ އިންތިހާބީ މެންބަރުންނަށް އަންގާފައެވެ.
ޕީޕީއެމުން ބުނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ މެންބަރެއްނަމަ އެ މެންބަރަކަށް ޕާޓީގެ ހުރިހާ މެންބަރުން ތާއީދުކޮށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.
އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މެންބަރުންގެ އަދަދު އެއް މެންބަރަކަށްވުރެ ގިނަ ނަމަ، އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއް މެންބަރަކަށް އިއްތިފާގު ވެވޭނަމަ އެ މެންބަރަކަށް ތާއީދުކޮށް ވޯޓު ދިނުމަށެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މެންބަރުންގެ އަދަދު އެއް މެންބަރަކަށްވުރެ ގިނަ ނަމަ އަދި އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއް މެންބަރަކަށް އިއްތިފާގު ނުވެވޭނަމަ އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގާ އެންމެ ގިނަ ވޯޓު ލިބޭ މެންބަރަކަަށް ހުރިހާ މެންބަރުންވެސް ތާއީދުކޮށް ވޯޓު ދިނުމަށް ވަނީ އެދިފައެވެ.
މިއަދުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ކައުންސިލަރުން ހަމަވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ ނާއިބު ރައީސުން އިންތިހާބު ކުރުމަށް ކައުންސިލަރުންގެ ފުރަތަމަ ބައްދަލްވުން ބާއްވާނެ އެވެ. އަދި މާލެ ފިޔަވައި ދެން އޮތް ތިން ސިޓީ ކަމަށްވާ އައްޑޫ އާއި ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުން އިންތިހާބު ކުރާނެ އެވެ.
އެމްޑީޕީންވެސް ވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ނައިބުން ހޮވުމުގައި އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި ކައުންސިލަރުން އަމަލު ކުރަން އެ ޕާޓީން އެދޭ ގޮތް ހާމަ ކޮށްފައެވެ.
އެމްޑީީޕީން އާންމުކުރި އެންގުމެއްގައި ބުނެފައި ވަނީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމުގައި އިންތިހާބުވި ހުރިހާ އެމްޑީޕީ މެންބަރުންގެ ތެރެއިން އެކަމަށް ޝަޢުގުވެރިވާ މެންބަރުންގެ ތެރެއިން އެއް ކެންޑިޑޭޓަކު ހޮވާ އެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިން ނެރުން އެދޭ ކަމަށެވެ. އަދި ނައިބު ރައީސް ހޮވުމަށް ބާއްވާ ވޯޓަށް ހޮވޭ މެންބަރު ނޫން އެހެން މެންބަރެއްގެ ނަން ހުށަނޭޅުމާއި ވިޕް ލައިނާ އެއްގޮތަށް އަމަލު ކުރުމަށެވެ.
އަދި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްގެ ނައިބު ރައީސް ހޮވުމުގައި ރަށު ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމާއި ރަށުގެ އެމްޑީޕީ ލީޑާޝިޕް އަދި އިންތިހާބުވި ކެންޑިޑޭޓުންގެ މެދުގައި ހޮވާ އެއް ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިން ނެރުން ވަނީ އެދިފައެވެ. ނައިބު ރައީސް ހޮވުމަށް ބާއްވާ ވޯޓަށް ހޮވޭ މެންބަރުން ނޫން އެހެން މެންބަރެއްގެ ނަން ހުށަނޭޅުމާއި ވިޕް ލައިނާ އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އެދިފައެވެ.