ޕީޕީއެމް

އިދިކޮޅުގެ ހުޅުމާލެ ޖަލްސާ މާލެއަށް ބަދަލުކޮށްފި

އިދިކޮޅު ޕީޕީއެމް / ޕީއެންސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ކައިރީގައި ބާއްވަން ނިންމި ޖަލްސާއަށް އެޗްޑީސީއާއި ފުލުހުން އެއްބާރުލުން ނުދިނުމުން އެ ޖަލްސާ މާލޭގައި ބާއްވަން ނިންމައިފި އެެވެ.

އިދިކޮޅު ކޯލިޝަނުން "ކޮތަރުކޮށި"ގެ ނަމުގައި ހުޅުމާލޭގައި ޖަލްސާ ބާއްވަން ނިންމީ މާލެ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ. އިދިކޮޅު ކޯލިޝަނުން އެގޮތަށް އަމަލުކުރީ ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި އޮތް ތަނެއް ކަމަށް ބުނުމަށްފަހު އެވެ. ނަމަވެސް އެ ޖަލްސާ ބާއްވަން ހުއްދަ ނަގާފައި ނުވާ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ޖަލްސާ ބޭއްވުމުގެ ކުރިން ހުއްދަ ނެގުމަށް އާންމުކޮށް ކުރި އިއުލާނެއްގައި އަންގާފަ އެވެ.

އެކަމަކު މިއަދާ ހަމައަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނަމުން ދިޔައީ ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނަކަށް ވާތީ އެޗްޑީސީގެ ހުއްދަ ނަގައިގެން ހުޅުމާލޭގައި ޖަލްސާ ނުބާއްވާނެ ކަމަށެވެ. ހުޅުމާލެ ޖަލްސާ މާލެއަށް ބަދަލުކުރީ ވެސް އެޗްޑީސީގެ ހުއްދަ ނަގަން ބޭނުން ނުވާތީ ކަމަށް ކޯލިޝަނުން ބުނެ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހުލުމާލޭގައި ޖަލްސާ ނުބޭއްވިގެން މާލޭގެ އުސް ފަސްގަނޑުގައި ވެސް ޖަލްސާ ބާއްވަން މަސައްކަތް ކުރި ކަަމަށެވެ. ނަމަަވެސް އުސްފަސްގަނޑަކީ ސަރުކާރުގެ ބިމެއް ކަމަށާއި އެތަަނަށް ކަަރަންޓުވެސް ގުޅައި ނުދޭނެ ކަމަށް ސަރުކާރުން ޕީޕީއެމް އަށް އެންގި ކަމަަށް ހީނާ ވިދާޅުވި އެވެ.

"އެހެންވެ ދެން ޖަލްސާ ބާއްވާނީ ކާނިވަލް ސަރަހައްދުގައި،" ހީނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާ ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ބޭއްވުމަށްޓަކައި އެ ސަރަހައްދު ތައްޔާރުކުރަން ފެށުމުން އެޗްޑީސީން ވަނީ ބޮޑެތި ވެހިކަލްތައް އެ ސަރަހައްދަށް ގެންގޮސް ޕާކުކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ޖަލްސާގެ ތައްޔާރީތައް ހުއްޓުވާފަ އެވެ. ފުލުހުން ފަހުން ބުނީ އެ ޖަލްސާއަށް އެއްބާރުލުން ދޭނީ އެޗްޑީސީން ހުއްދަ ދިނުމުން ކަމަށެވެ.

މި މައްސަލައިގައި އެޗްޑީސީއާއި މާލޭ ސިޓީ ކައުންސިލް ބޮޑު ކޯޅުމަކަށް ގޮސް މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ވެސް ބާތިލުކޮށްފަ އެވެ.

އިދިކޮޅުން ބާއްވަން މަސައްކަތް ކުރަމުންދާ މިޖަލްސާ އަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންވަޑައިގަތް ފަހުން އިދިކޮޅުން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ދެވަނަ ޖަލްސާ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވެސް ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.